ހެއްކެއް ގަރީނާއެއް ނެތި، ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމާއި ދައްކާ ވާހަކަތަކަކީ މީހާ ނަރަކަވަންތަ ވެރިއަކަށް ވުމަށް ފުދި އިތުރުވާނެ އަމަލުތަކެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"މުއާމަލާތް ކުރުމުގެ އަހުލާގު" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި މުސްލިމުންނަކީ ހިތްތިރި، މުއާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެ މީހުންގެ ކަންތައްތައް ލުއިކޮށްދޭ، ސާދާ ބައެއްކަން ފާހަގަކޮށް ބުނީ މުސްލިމުންނަކީ މީސްތަކުންނާ ގުޅިގެން އުޅެ، މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެއް ކަމަށެވެ.

ހުތުބާގައި ބުނެފަައިވަނީ ދީން އަހަރެމެންނަށް ގޮވައިލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނާ މުޢާމަލާތު ކުރާއިރު, އެމީހުންގެ ރަޢުޔަށާއި ހިޔާލަށް އިހްތިރާމް ކުރުން ހިމެނޭ ކަމަށެވެ. އަދި އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް, މެނޭޖަރަކަށް ވިޔަސް, އޭނާގެ ދަށުގައި މަސައަކަތް ކުރާ މީހުންގެ ހިޔާލަށާއި ރައުޔަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މީސްތަކުންގެ ލޯބިން މަހުރޫމުވެފައިވާ މީހަކީ އަދި މީސްތަކުންނާއެކު ސުލްހަ މަސަލަސްކަން މަތީގައި ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހުރޫމް ވެފައިވާ މީހެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުކޮށްދީ، އެ މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އެ މީހުންގެ އައިބުތައް ވަންހަނާކޮށް، އެ މީހުންގެ ކުށް ހޯދައި، އެ މީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށާއި އެ މީހުންނަށް ފުރައްސާރަކޮށް، މުއާމަލާތް ކޮށްގެންވެސް ނުވާނެ ކަމަށެވެ.

އަދި އެ މީހުންގެ އަބުރަށް އަރައިގަނެގެންވެސް ނުވާނެ ކަމަށާއި މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން ކަމަށް ބުންޏެވެ.

ބަސްމަގަކީ ވާހަކަދެއްކުމުގެ ތެރެއިން ދަސްވާ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އާއިލާ ތެރޭގައި ހުތުބަހުން ވާހަކަ ދައްކާ ނަމަ ދަރިންނަށް ދަސްވާނީ އެބަހުރުވަ ކަމަށެވެ. އަދި ބަސްމޮށުމުގައި ހުތުރު ބަސްތަކާ ދުރުހެލިވެ، ނެތިމޮށުމާއި އާޑަ ފުރައްސާރަ ކުރުމާއި މަލާމާތް ކުރުންފަދަ ދުލުގެ އާފާތްތަކާއި އަރާރުން ވުމާ ދުރުހެލިވާންވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، އަހަރެމެންގެ ބިނާ ހަރުދަނާ ކުރެވޭނީ ލޯތްބާއި ކުލުނުން އެއްބަޔަކު އަނެއް ބަޔަކާއެކު މުއާމަލާތު ކޮށްގެން ކަމަށާއި މާތް ﷲ އަށް ކިޔަމަން ގަތުމުގެ އަސާސުގެ މަތީގައި ރައްޔިތުންނާއި ހާކިމާއާ ދެމެދުގައިވާ ގުޅުން ބަދަހިކޮށްގެން ކަމަށެވެ. އެގޮތުން ހާކިމާ ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށްޓަކައި ހޭލައި ހުންނަންޖެހޭ އިރު، ރައްޔިތުން ހާކިމާއަށް ކިޔަމަން ގަތުމުގައި ދެމިތިބެންވާނެ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އަހަރެމެންނަށް ލޯތްބާއި ކުލުނާއި އަޅައިލުން ލިބޭނީ އެންމެންގެ ހިތް ސާފު ވެގެން ކަމަށާއި ކޮންމެ މީހަކުވެސް އަނެކާއާ މެދު ހިތްހެޔޮ ކޮށް، ޝައްކުތަކާއި ވަހުމްތަކާ ދުރުވެގެން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކާ މުއާމަލާތު ކުރަން ޖެހޭނީ އިންސާފުވެރިކަމާ އެކުގައި ކަމަށް ބުންޏެވެ.

އިސްލާމް ދީން ގޮވައިލާ މަތިވެރި އަގުތަކުގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތް ކުރާއިރު އެ މީހުންގެ ރައުޔަށާއި ހިޔާލަށް އިހުތިރާމް ކުރަން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.