ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ހައިކޯޓުން އެ ހުކުމަށް ތާއީދުކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.
އެ ހުކުމަށް ތާއީދު ކުރައްވައި ރައުޔު ނެރުއްވީ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެ ހުކުމް ޝަރުއީ އަދި ގާނޫނީ ހަމަތަކާ ޚިލާފު ކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ވެސް ރައީސް ޔާމީން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކުރީ އެސްއޯފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެންނެވެ.
އެ ފައިސާ އަކީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ކަމަށް ވަނީ ސާބިތުވެފަ އެވެ.
ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށެވެ.
ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ޝަހީދުގެ ނިންމުމުގައި ވަނީ ރައީސް ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ހެދި އެސްކްރޯ އެކައުންޓްގައި ފައިސާ ބެހެއްޓެވީ ރައީސް ޔާމީންގެ އަމިއްލަ އިސްނެންގެވުމަށް ކަމަށާއި އެކަމުން ވެސް އެމަނިކުފާނުގެ ހެޔޮ ނިޔަތް އެނގިގެންދާ ކަމަށެވެ.