ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލް ލިންކާއެކު ފޮނުވަމުންދަނީ ސްޕޭމް މެސެޖްތަކެއް ކަމަށްވާތީ އެކަމަށް ސަމާލުވުމަށް އެޕާޓީން އެދިއްޖެއެވެ.

ޕީޕީއެމްގެ ނަމުގައި ރެއިން ފެށިގެން ފޮނުވަމުންދާ މިމެސެޖުތަކަކީ އެޕާޓީގެ ނަން ބޭނުންކޮށް "ޑީއެޗްއެލް"ގެ ލިންކަކާއެކު އެކި މީހުންގެ ފޯނުތަކަށް ފޮނުވަމުންދާ މެސެޖެކެވެ.

މިއީ ބަޔަކު ފޮނުވަމުންދާ ސްޕޭމް މެސެޖްތަކެއްކަން ފާހަގަކުރަމުން ޕީޕީއެމްއިނން ބުނީ މިކަމަށް ހާއްސަ ސަމާލުކަން ދެއްވުމަށް އެދިވަޑައި ގަންނަވާކަމަށެވެ. އަދި ފޯނުތަކަށް ފޮނުވަމުންދާ މި ލިންކަށްއެއްވެސް މީހަކު ނުވަނުމަށް އެޕާޓީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖްތަކަކީ ސްޕޭމް މެސެޖްތަކެއް ކަމުގައި ދަންނަވަން. އަދި އެ މެސެޖްގައިވާ ލިންކަށް ނުވެންނެވުން އެެެދެން،" ޕީޕީއެމްއިން ބުނެފައިވެއެވެ.

ސްކޭމް ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދާ މައްސަލައަކީ ރާއްޖޭގައި މިފަހުން ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިފަދަ ކޯލްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ މެދުކެނޑުމެއް ނެތި އާއްމުންނަށް އިލްތިމާސްކުރަމުންނެވެ.