ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރާ ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާވެސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، މަޖިލިހުގެ އިދާރާ އިން ކެންސަލް ކޮށްފި އެވެ.

އެމަނިކުފާނު މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އިއްޔެވެސް އެ މައްސަލައިގައި ގޮތެއް ނިންމަން ތާވަލުކޮށްފައިވެއެވެ. ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން އިއްޔެގެ ޖަލްސާވެސް ކުރިއަށް ގެންދެވިފައިނުވެއެވެ.

އީވާ ސަލާމުގައި ހުންނެވީ ޑެންގީ ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީއެވެ. އީވާ ވަނީ އާލާސްކަންފުޅާ އުޅުއްވާތީ މެޑިކަލް ސެޓްފިކެޓާއި ބްލަޑް ރިޕޯޓްތައް ވެސް މަޖިލީހާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން މިއަދު ހެނދުނު ސަލާމް ފޮނުވާފައިވާކަމަށް މަޖިލީހުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ނިއުޝާ ވަނީ އިއުލާނު ކުރައްވައިފައެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ވެސް މަޖިލިސް ކުރިއަށް ގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.