އިޙްތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އިހްތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިހްލާސްތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަގްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ.
މީގެއިތުރުން ފައިސަލް ވަނީ ވަނީ އެ މަގާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތްކުރެއްވިކަމުގައި ވިދާޅުވެފައެވެ.
އަދި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއިއެކު މަސައްކަތްކުރެއްވުމަށް ފަސޭހަފުޅުވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުރި ތަނުން ކެނޑިގެން އެހެންތަނަކަށް ބަދަލުވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައި އެކަން ހައްލުކޮށް ޒިންމާ އަދާކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި މަގާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ގަބޫލުކުރުން ދޫކޮށްލައި ކޮންމެ މަގާމެއްގައި ހުރެގެންވެސް ގައުމީ ހިދުމަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ރަނގަޅު ނަސޭހަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަގްބަލް ސްޕީކަރ ސީރީސް 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.