ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އެމްޕީއެލުން މި ފައިސާ ހަދިޔާކޮށްފައިވަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ހިންގަމުން އަންނަ ދެ ފަންޑަކަށެވެ. އެއީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ހިންގާ "ފަލަސްތީނު ރިލީފް ފަންޑް" އާއި އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހިންގަމުންދާ "ގާޒާ އެމަޖެންސީ ރިލީފް" ފަންޑެވެ.

ފަލަސްތީން ރިލީފް ފަންޑަށް އެ ކުންފުނިން ބައި މިލިއަން ރުފިޔާ ހަދިޔާކުރިއިރު، ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް 65،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި އެހީއަކީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެހީއެކެވެ.

ފަލަސްތީނަށް އެހީވުމަށް އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމުގެ ގޮތުން ރާއްޖޭގައި ހިންގަމުން އަންނަ އެކި ހަރަކާތްތަކަށް އެ ކުންފުންޏާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުންޏެވެ.

ދިވެހީންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އައިއޭސީން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް 2023' އަށް މިހާތަނަށް ދިވެހިންގެ ފަރާތުން 24 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.