މޫސުން ތަން ނުދޭނަމަ އިންތިހާބީ ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާރު ބާއްވާނީ ރައްޔިތުންގެ މަޖިލީހުގަ ކަމަށް މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.
މީގެއިތުރުން މީޑިއާތަކަށް މިއަދު ވާހަކަ ދައްކަވަމުން ޒިޔާއު ވިދާޅާޅުވީ، ޖަލްސާ ބާއްވަން ރާވާފައި އޮތީ ޖުމްހޫރީ މައިދާނުގަ ކަމަށެވެ. ނަމަވެސް މޫސުން ތަން ނުދޭނަމަ ޖަލްސާ ބާއްވާ ލޮކޭޝަން ބަދަލުކުރާނެކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އިން ވަނީ ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް ހުރަސްއެޅުމުގެ ރޫހެއް ނެތްކަމަށް މިއަދު ބުނެފައެވެ.
މީގެއިތުރުން އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަސްލަމް ވިދާޅުވީ ހުވާ ކުރުމުގެ ޖަލްސާ ބޭއްވުމަށް ވެސް ނިންމާފައިވަނީ މަޖިލީހުގެ ތަޅުމުން ބޭރުގައިކަމަށެވެ. އެހެންކަމުން މަޖިލިސް ހުއްޓުވަމުން އަންނަގޮތައް އެ ޖަލްސާ ހުއްޓުވަން އެ ބޭފުޅާ ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ރޫހެއް ނެތްކަމަށެވެ.
ނަމަވެސް، މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވުނީ މަޖިލީހުގައި އެ ޕާޓީން ހުޅުތާލުކުރުމުންނެވެ.
އެމްޑީޕީގެ ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރެއް އެޕާޓީން ހުށަހަޅާފައިވީނަމަވެސް، މަޖިލީހުގައި އެ ގަރާރުގެ މަސައްކަތްތައް ކުރިއަށް ނުދިއުމެވެ.
އަދި މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެ މަތިންކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މިއަދުގެ ޖަލްސާއަށް އޮތީ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައެވެ.