ލެފްރަސީ ނުވަތަ ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.

ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފްވެރިކަން ފާހަގަކޮށް އެވޯޑު ރާއްޖެއަށް ދިނީ ނިއުދިއްލީގައި ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ބައްދަލުވުމުގައެވެ. މި އެވޯޑް ރާއްޖެއާ ހަވާލުކުރީ ޑރ ޕޫނަމް ކެރަތަޕާލް ސިންގއެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެޑައިގަތީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމެވެ.

ރާއްޖޭގެ މި ކާމިޔާބީއަށް ޑަބްލިއުއެޗްއޯ އިން ވަނީ މަރުހަބާ ކިޔާފައެވެ. ހެލްތު މިނިސްޓްރީން ވަނީ އެ ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދޭން ކެނޑިނޭޅި މަސައްކަތްކުރި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް މަރުހަބާ ކިޔާފައެވެ.

ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ރާއްޖެއިން ފުރިހަމަކުރީ މިމަހުގެ ކުރީކޮޅުއެވެ. އެގޮތުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އެބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖެއަކީ ޖުޒާމް ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެެއެވެ.

"ޒީރޯ ލެޕްރަސީ" ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ.