މިއީ ވަރަށް ގިނަ ފަރާތްތަކަކުން އަޅުގަނޑު ގާތު އަހާ ރެސިޕީއެކެވެ. ދިވެހި ކެއުން ކަމުގައިވާ ގަރުދިޔަ އާއި ނުވަތަ ރިހާކުރާއި ބަތާއެކު ކާން ވަރަށް މީރު ލޮނުމިރުހެކެވެ. އަދި އެހާފަސޭހައިން ހަދާލެވޭނެ ބަވަތެކެވެ.

ބޭނުންވާ ތަކެތި

12 ހިކިމިރުސް

1 ފިޔާ

2 ލުނުމެދު

1 ކިބަ ކާށި ( ކުޑަ )

2 ހިކަނދިފަތް

1 ހުތް އަނބު ( ކުޑަ )

1 ސ. ސަމުސާ ދިރި

2 ސ. ސަމުސާ އަސޭމިރުސް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކާށި ކިބަ އުކުރާލުމަށް ފަހު ކުދިކޮށް ކޮށާލާށެވެ. ދެން ތަވައެއްގައި ކާށި ކޮޅު ހަނާކޮށްލާށެވެ. ހަނާކުރާނީ ކާށި ކޮޅުތަކަށް މުށިކުލަ އަރަންދެނެވެ. އޭގެފަހުގައި ހިކި މިރުހާއި ދިރި އަސޭމިރުސް މިކްސްޗަރުގައި މުގުރާލާށެވެ. އެއަށް ފަހު ހުތް އަނބާއި ފިޔާ ލޮނުމެދު ހިކަނދިފަތް ހަނާކުރި ކާށިކޮޅުވެސް އަޅާލާށެވެ. ދެން ފެން އަޅައި ހިމުން ކޮށްލާށެވެ.

މި ލޮނުމިރުސް މީރުވާނީ ކުޑަކޮށް ރާޅުކޮށް ހުރުމުންނެވެ. ނަމަވެސް އަނބާއި ފިޔާ ލޮނުމެދު އަނގައިގާ ޖެހި ހެފޭވަރަށް ހުރުމުން ކަމަކު ނުދާނެއެވެ.