ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް މިހާރު ދީފައިވާ މާލޭ ބަންދު ލުއީގެ އިގުރާރާ ހިލާފު ވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އެމަނިކުފާނަށް އިންޒާރު ދީފިއެވެ.
އެގާރައަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގޭގެބަންދަށް ބަދަލުކުރުމަށްފަހު، އެބަންދުން މާލޭގެ (ރަށު ބަންދަށް، ވަކި ޝަރުތުތަކަކާ އެއްބަސްވެވަޑައިގަތުމަށްފަހު) ބަންދަށް ވަނީ ދޫކުރެވިފައެވެ.
ކަރެކްޝަންސް އިން "ރައީސް ޔާމީނަށް ދެއްވާފައިވާ ލުއިތަކުގެ ތެރޭގައި ސިޔާސީ ހަރަކާތް ހިންގުން ނުހިމެނޭ ކަމަށް" ބުނެފައި ވާއިރު މާލޭ ބަންދަށް ލުއި ލިބުނު ދުވަސް ނޫން އަނެއް ދުވަހު ރައީސް ޔާމީން އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކާއި ބައްދަލު ކުރެއްވިއެވެ. އަދި ޖެހިގެން އައި ރޭ ޕީޕީއެމް އޮފީހުގައި ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި ވާހަކަފުޅުވެސް ދެއްކެވިއެވެ. އަދި ޖަލްސާއަށްފަހު ނޫސްވެރިންގެ ބައެއް ސުވާލުތަކަށްވެސް ޖަވާބުދެއްވިއެވެ. އެންމެ ފަހުން ބޭއްވި ބައްދަލުކުރެއްވުން ވަނީ ޓީވީން ލައިވްކޮށް ދައްކާފައެވެ.
ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ފިޔަވަޅެއް ނާޅާތީ ފާޑުކިޔުން އަމާޒުވެފައިވާއިރު ކަރެކްޝަންސް އިން މިއަދު ވަނީ މީޑިއާތަކަށް އެކަމާ ގުޅިގެން މެސެޖެއް ފޮނުވައިފައެވެ.
"އިގުރާރާ ހިލާފަށް، އަމަލުތައް ބަހައްޓަމުން ދާކަން ފާހަގަކުރެވޭތީ، އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެވިފައި. އަދި ތަކުރާރުކުރާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި،" ކަރެކްޝަނުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނުއަސާސީގައި ގައިދީން ކުރުން މަނާ ކަމެކެވެ.