މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ''އެއްލައްކަ ގަސް'' ޕްރޮގްރާމްގެ ދަށުން ގަސް ހޯދުމަށް ބޭނުންވާތީ ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހެޅުމަށް އެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ބިޑު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން މި ކަމުގެ މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ 12:00 ގައި ކަމަށާއި އަދި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 07 ދުވަހު 12:00 ގައި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި, ޕާޓްނާޝިޕް, ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މާލެ ސިޓީ ކައުންސިލްގެ ''އެއްލައްކަ ގަސް'' މި ޕްރޮގްރާމު ފެށީ މިދިޔަ އަހަރުގެ ޖަނަވަރީގައެވެ. ސިޓީ ކައުންސިލުގެ އަމާޒަކީ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމެވެ.