މަސް ހިފަން ގޮސް އުޅުނު މީހެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތީން ޖެހި އެމީހާ މަރުވެއްޖެއެވެ. މިހާދިސާގައި މަރުވެފައިވަނީ މަރުވީ ގއ. ކަނޑުހުޅުދޫ، ބުލޫޑައިމަންޑް، އަލީ ލުތުފީ (ބޮޑެ އައްޔަ) އެވެ. އޭނާގެ އުމުރަކީ 45 އަހަރެވެ.

ހިތާމަވެރި މިހާދިސާ ހިނގާފައިވަނީ ގއ. ގެމަނަފުށީ ނެރު ކައިރީގައެވެ. އޭނާ ހުއިފިލަނޑާ ނަގަން މޫދު އަޑީގައި އޮއްވައި މަރުވެފައިވަނީ އެހިސާބުން ދަތުރުކުރި ލޯންޗެއްގެ ބުރަފަތީން ޖެހިފައެވެ. އެ ލޯންޗަކީ އެ ހިސާބުގަނޑުގެ ރިސޯޓެއްގައި ދުއްވާ ލޯންޗެކެވެ. އެ ލޯންޗު ނެރުން ވަދެގެން ގެމަނަފުށްޓަށް ދިޔައިރު ނެރު ކައިރީގައި މީހަކު އޮތް ކަމެއް ލޯންޗު ޑްރައިވަރަށް އެނގިފަަައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ވިދާޅުވީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް އެރި އުޅުނު މީހެއްގެ ގައިގައި ގއ. ގެމަނަފުއްޓަށް ވަންނަން އައި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހާދިސާއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައި ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.