އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭންޖެހޭ ސަމާލުކަން ދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ ދުއާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މައުލޫމާތު، ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިންމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަ ކުރާ ދުވަހެވެ. އެދުވަހު ހަމަލާ ދިނުމުގައި އިސްކޮށް އެކިސިފަސިފައިގައި ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި ބައިވެރިވި މީހުންގެ އާއިލާ މެންބަރުން މިހާރު ސަރުކާރުގެ މަގާމުތަކުގައި އެބަތިއްބެވެ.

1988 ވަނަ އަހަރުގެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބާޣީ ލުތުފީ، ސަރުކާރުން ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެތައް ދުވަހެއް ވަންދެން ސިރުން ގެންގުޅެފައެވެ. އޭނާ އެތަނުގައި ހުރިކަމަށް ސަރުކާރުން އެއްބަސްވީ އެކަން މީޑިއާގައި ހާމަކުރުމުންނެވެ. އެކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.