އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ، ދިވެހިރާއްޖޭގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލޮހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރުމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށްކަމުގައެވެ.

ހަމަ އެއާއެކު، ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރަށް ރައީސް ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުންކަމުގައެވެ.

އަދި ނޮވެންބަރު ތިން ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުންކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ހިތާބުގައި ރައީސް ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަހުންނާއި އުހުތުންގެ ހާލަތު ފާހަގަކުރައްވާފައެވެ.

އެގޮތުން ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ފަލަސްތީނުގެ ގައްޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން އެދަނީ، މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު ބައިނަލްއަގްވާމީ މުޖްތަމައުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތެކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.