ވޭނާއި ތަދާއި ކެކުޅުން ފަދަ ކަންތައްތަކަކީ މާތްالله ކުރިމަތިކުރައްވާ އިމްތިހާނެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ބަލިމީހުންނަށް ޒިޔާރަތްކުރުން” މި މައުޟޫއަށް އަލިއަޅުވާލައި މިއަދުވެ ހުތުބާގައި ބުނީ ބަލިމަޑުކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންވާ ކަމަށާއި ބަލި މީހުންނަށް ގޮވާލަން ދިޔުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާގެ ވޭންތަކަށާއި ކެކުޅުންތަކަށް ލުއިކަމެއް ލިބޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ބަލިމަޑުކަމެއް ކުރިމަތިވެ, އިންސާނާގެ ނަފްސު އިމްތިހާނު ކުރެއްވުމަކީ އޭނާގެ ނަފްސު ތާހިރުކޮށްދޭނެ ކަމެއް ކަމަށާއި އޭނާގެ ނިކަމެތި ކަމާއި އާރެއް, ބާރެއް ނެތް ކަމުގެ އިހުސާސު އޭނާއަށް ކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެެވެ.

ހަމައެހެންމެ ބަލި މީހާއަށް ގޮވައިލަން ދިޔުމަކީ މާތް الله ގެ ޙަޒުރަތުގައި ހޭދަކޮށްލެވޭ ވަގުތުކޮޅެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.