ރައްޔިތުންގެ މަޖިލީހުގެ ހއ.ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު އަނެއްކާ ވެސް އެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޝުޖާއު މިކަން ހާމަ ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ އިހްލާސްތެރި އެދުމަކީ މި މަސައްކަތުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބުން ކަމަށެވެ. ޝުޖާއު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާ ތަމްސީލު ކުރައްވައިފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވައިފައެވެ.

މީގެއިތުރުން، އެ ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ ކުރިއަށް އޮތް ޑިސެމްބަރު 20 އިން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދެ ޕާޓީން ވާދަކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން ކަމަށްވެސް ބަޔާނުގައިވެއެވެ.