ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހެށި މީހުންގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ލިސްޓާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން އާންމު ކުރީ ސަރުކާރުގެ ގެޒެޓުގައެވެ.

ހައުސިން މިނިސްޓްރީން ބުނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުންދާ ހަތަރުހާސް ފުލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށްވެސް މިނިސްޓަރީން ވަނީ ހާމަކޮށްފައެވެ.

ފްލެޓު ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި ގުރުއަތު ލާން ހާޒިރު ވާންޖެހޭ ގަޑިއާއި ދުވަސް ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ހަމައެހެންމެ، ހަތަރުހާސް ފްލެޓު ލިބޭ މީހުންގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓު ދިނުމަށް ހަމަޖައްސާފައިވާ ކަމުގެ ލިޔުން ދޭނެ ކަމަށާއި އެ ލިޔުން ދޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައި ވެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުން ހިމެނޭއިރު ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 13،000 މީހުންގެ އެވެ.