އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓުވުމަށް ޢަރަބި ޤައުމުތަކުގެ ވެރިން އެމެރިކާގައި އެދުނު އެދުމަށް އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.
އިޒްރޭލުގެ ޢުދުވާންތައް ހުއްޓުވައި ދިނުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އޮންޓޮނީ ބްލިންކެން އަރިހުން ޢަރަބި ޤައުމުތަކުން އެދުނީ އިއްޔެ ޖޯޑަންގައި ޢަރަބި ޚާރިޖީ ވަޒީރުންނާއެކު ބްލިންކެން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މިބައްދަލު ވުމުގައި ޢަރަބިންގެ ތެރެއިން ބައިވެރިވެޑައިގަތީ ސައުދީ، މިސްރު، ޖޯޑަން، ގަތަރު އަދި ޔޫއޭއީގެ ޚާރިޖީ ވަޒީރުންނެވެ.
ޢަރަބިން އެދުނު އެދުމުގައި އެމެރިކާއިން ކޮޅުފައިން ޖަހައި، ޢަރަބި ޚާރިޖީ ވަޒީރުންނަށް ބްލިންކެން ވިދާޅުވީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓާލުމަށް އެމެރިކާއަށް އެއްބަސްވެވެން ނެތް ކަމަށެވެ. "އިޒްރޭލުގެ އަމިއްލަ ދިފާއުގައި ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެނަ ހަމާސް ޖަމާއަތުން އަލުން އެއްތަންވެ އިޒްރޭލާ ދެކޮޅަށް ވަރުގަދަ ރޭވުންތަކެއް ރާވަން ފުރުސަތު ލިބޭނެ" ބްލިންކެން ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ބްލިންކެން މަސައްކަތް ކުރެއްވީ އިޒްރޭލުގެ ޢުދުވާންތައް ނިމުމުން ޣައްޒާގެ ކަންކަން އިޒްރޭލާއި އެމެރިކާ ބޭނުންވާ ގޮތަށް ބައްޓަން ކުރެއްވުމާއި ގުޅޭ ގޮތުންނެވެ. އެމެރިކާ އާއި އިޒްރޭލުގެ މަޤްސަދަކީ ފުރިހަމައަށް ޣައްޒާ ކޮންޓްރޯލްކޮށް، ޣައްޒާއާއި ލުބްނާނު ބޭނުންކޮށްގެން ޔޫރަޕަށް ގޭހާއި ތެޔޮ ބޭރު ކުރެވޭނެ ވިޔަފާރީގެ މަޤްސަދުތަކެއް ހާސިލް ކުރުމެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ރެޔާއި ދުވާލު ބޮންއަޅައި އަދި އެއްގަމު މަގުންވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު 10،000 އާއި ގާތްކުރާ އަދަދަކަށް ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުން ޢުދުވާން ހިންގުމަށް ކޮންމެ ދުވަހަކު އެމެރިކާއިން ހަތިޔާރުގެ ޝިޕްމަންޓްތައް އިޒްރޭލަށް ފޮނުވައެވެ. ދާދިފަހުން ވަނީ އިޒްރޭލަށް 14.5 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ދިނުމަށްވެސް ނިންމާފައެވެ.