ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 6 ވަނަ އިސްލާހް ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގް ކުރައްވައިފިއެވެ.

މި ބިލަކީ، 2023 އޮކްޓޫބަރ 25 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި، އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުވެސް ވަނީ މި ބިލުގައި ކަނޑައަޅާފައެވެ.

މީގެ އިތުރުން ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާ ނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ އިސްވެ ބަޔާންކުރެވުނު 5 ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައި ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ގާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގްކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަސްދީގްކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ