އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގް ކުރައްވައިފިއެވެ.

މިބިލަކީ، މި ދިޔަ މަހުގެ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ބިލުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ.

މި އަކުރުގައި ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިހާބުތަކާބެހޭ އާންމު ގާނޫނު އަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލުގައި (ގާނޫނު ނަންބަރު 11/2008)ގެ އެކިއެކި މާއްދާތަކަށް އިސްލާހާ ހުށަހަޅާފައިވެއެވެ.

ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލު ރައީސް ތަސްދީގްކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގްކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.