ކ. އަތޮޅު ގިލިލަންކަންފުށި ކައިރީގައި އޮތް ފިނޮޅަކަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހިންމަފުށީ ކައިރީގައި އޮންނަ ވެލިގަނޑެއްގެ މެދުން ކޯރު ކަނޑަމުންދާ މައްސަލައެއް ރޭ 20:30 ހާއިރު ހިންމަފުށި ކައުންސިލުން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް އެކަން ހުއްޓުވި ކަމަށެވެ.
އަދި އެކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އަންގައި މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އީޕީއޭގެ ލަފާގެ މަތިން އަޅާފައިވާ ކަމަށެވެ. އަދި އެކަން ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މާލެ ކައިރީގައި އޮންނަ ގިލިލަންކަންފުއްޓާއި ހިންމަފުއްޓާ ދެމެދުގައި އޮންނަ ފިނޮޅަކީ ހިންމަފުށީގައި ދިރިއުޅޭ މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ދަތުރު ގޮސް ހަދާ ފިނޮޅެކެވެ. ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.