އިނގިރޭސި ޕްރިމިއަރ ލީގުގައި މަޝްހޫރު ލިވަޕޫލް ލިވަޕޫލާ 1-1 އިން އެއްވަރުކޮށް ލުޓޮން ސިޓީ ރޭ އެއްވަރުކުރިއިރު، އެސްޓަންވިލާ އަތުން ނޮޓިންގހަމް ފޮރެސްޓް މޮޅުވެއްޖެއެވެ.

މުޅިން އަލަށް އިނގިރޭސި ޕްރިމިއަރ ލީގަށް މިސީޒަނުގައި ކޮލިފައިވި ލުޓޮންއިން ހިތްވަރުގަދަ ކުޅުމެއް ލިވަޕޫލާ ދެކޮޅަށް ދެއްކިއިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް އެޓީމުންނެވެ. މިލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޓަހީތު ޗޮންގެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ލަދުވެތި ބައްޔަކުން ލިވަޕޫލް ސަލާމަތް ކޮށްދިނީ ކޮލަމްބިއާގެ ނުރައްކާތެރި ވިންގަރ ލުއިޒް ޑިއާޒްއެވެ.

މިމެޗް މުޅިން ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށް ގިނަ ހަމަލާތައްވެސް އުފެއްދީ ލިވަޕޫލްއިނެވެ. ލުޓޮންގެ ގޯލަށް އަމާޒުކޮށް ލިވަޕޫލްއިން 24 ހަމަލާ ފޮނުވާލިއެވެ. އެކަމަކު ގޯލަށް އަމާޒުވީ އެންމެ 6 ހަމަލާއެވެ. ކައުންޓަ އެޓޭކުގައި ލުޓޮންވެސް ފެނުނީ ނުރައްކާތެރި ކޮށެވެ. ލުޓޮންއިން ލިވަޕޫލުގެ ގޯލަށް އަމާޒުކޮށް 5 ހަމަލާ ފޮނުވާލިއެވެ.

ކޯޗް އުނައި އެމެރީގެ އިރުޝާދުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ އެސްޓަންވިލާގެ މައްޗަށް ނޮޓިންގހަމް ފޮރެސްޓުން ކުރި ހޯދީ ކޮންމެ ހާފެއްގެވެސް ކުރީކޮޅު ޖެހި ދެލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮލަ އައިނާއެވެ. ދެވަނަ ލަނޑު، ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޯރެލް މަންގަލާއެވެ.

ރޭގެ ނަތީޖާތަކާއެކު ތާވަލުގެ 3 ވަަނައިގައި ލިވަޕޫލް އޮތީ 24 ޕޮއިންޓާއެކުއެވެ. އެސްޓަންވިލާ 5 ވަނައިގައި އޮތީ 22 ޕޮއިންޓާއެކުއެވެ. ނޮޓިންހަމް ފޮރެސްޓް އޮތީ 12 ވަަނައިގައެވެ. ލުޓޮން ސިޓީ އޮތީ 17 ވަނައިގައެވެ. ތާވަލުގެ ކުރީގައި 27 ޕޮއިންޓާއެކު އޮތީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ. އެކަމަކު ދެވަނައިގައި އޮތް ޓޮޓެންހަމް މިރޭ ޗެލްސީ އަތުން މޮޅުވެއްޖެނަމަ ޓޮޓެންހަމްއަށް އަލުން އެއްވަނަ ލިބޭނެއެވެ.