ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ޒީނާޒް މި ނިންމުން އިއުލާން ކުރެއްވީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ޒީނާޒް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަންހެނުން ބާރުވެރިކޮށް ޒުވާނުންނަށް ދުޅަހެޔޮ މުސްތަގްބަލެއް ހޯދައި ދިނުމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

"ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވާ އަންހެނުން ބާރުވެރިކޮށް ޒުވާނުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައި ދިނުމަށް ވަކާލާތު ކުރާނަން. ދާއިރާ އާއި ފުވައްމުލައް ސިޓީގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާނަން. ކެރޭނެ އިންޝާ ﷲ،"
ޒީނާޒް އަދުނާން

ފުވައްމުލަކު ދެކުނަށް އުފަން ޒީނާޒް އެ ދާއިރާ އަށް ކުރިމަތިލައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ޖެންޑާ މިނިސްޓްރީގެ ސީއީއޯގެ މަގާމުވެސް ފުރުއްވި އަދި ޕީޕީއެމްގެ ސެނެޓް މެމްބަރު ކަން ވެސް ކުރައްވަމުންދާ ޒީނާޒް ގެންދަވަނީ، އަންހެނުން ބާރުވެރި ކުރުވުމަށް ޖަމިއްޔާ އެއް ވެސް ހިންގަވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން މަޖިލީހުގެ 20 އިންސައްތަ ގޮނޑިއަށް އަންހެނުން ކުރިމަތިލެއްވުމަށް މަސައްކަތް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވާފައެވެ.