ދުވަސްވަރަކީ ރާއްޖޭގެ އަތޮޅުތަކަށް މޮބައިލް ފޯނު ތަޢާރަފު ވަމުން ދިޔަ ދުވަސްވަރެވެ. ރާއްޖޭގެ އާބާދީބޮޑު ބިންބޮޑު ރަށްރަށުގެ ގިނަ މީހުން މޮބައިލް ފޯނު ބޭނުން ކުރަމުން ދެއެވެ. ނަމަވެސް އާބާދީ މަދު، ޚިދުމަތްތައް ވެސް މަދު ތަރައްޤީގެ މަޝްރޫޢުތައް ނުހިނގާ ރަށެއްގެ މީހެއްގެ އަތުގައި މޮބައިލް ފޯނެއް އޮތަސް އޭގެ ބޭނުމެއް ނުކުރެވެއެވެ. މި ފަދަ ދުވަސްވަރެއްގައި ރަށްރަށުގެ ޙާލަތު ހުރިނެތްގޮތް ބައްލަވާލައްވަން ސަރުކާރުގެ ވަފުދެއް އަތޮޅަކަށް ދަތުރެއް ކުރައްވައިފިއެވެ. މި ދަތުރުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިފައި ވެއެވެ.

ސަރުކާރުން ފޮނުއްވި ވަފުދު ފަހަރަކު ރަށަކަށް ދަތުރުކުރައްވަމުން އެރަށެއްގެ ޙާލަތު އައްސަވައި އޮޅުން ފިލުއްވަމުން އެބަ ގެންދަވައެވެ. ޙާލަތު އޮޅުން ފިލުއްވުން އެކަންޏެއްނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުއްތައް އަޑު އައްސަވައި އެކަމަށް ޙައްލު ހޯއްދަވައިދެއްވަމުން، ނޫނީ ވަކި މުއްދަތެއް ކަނޑައަޅުއްވައި އެ ޙައްލެއް ހޯއްދަވައި ދެއްވޭނެ ތާރީޚެއްވެސް ރައްޔިތުންނަށް ތަފުޞީލު ކޮށްދެއްވަމުން ގެންދެވިއެވެ.

ސަރުކާރު ވަފުދު އެންމެފަހުން ބައްދަލުކުރައްވަން އޮތީ އާބާދީ އެންމެ މަދު ވަޞީލަތްތައް ވެސް އެންމެކުޑަކޮށް ލިބިފައިވާ ރަށުގެ ރައްޔިތުންނާއެވެ. މި ރަށަކީ އާންމުގޮތެއްގައި ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާ ރަށެއް ވެސް ނޫނެވެ. ލަފާ ފުރުމުގެ ދަތިކަމާއި ދެންވެސް ހުރި ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް ސަރުކާރުގެ ވަފުދު ރަށަށް ވަޑައިގަންނަވާތީ ރަށުގެ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. ވަފުދުގެ ހަވީރު ސައިފޮދު އޮތީ މި ރަށުގައި ކަމަށްވާތީ އަންހެންވެރިން ގްރޫޕު ގުރޫޕަށް ބައި ބަހައިގެން ތަފާތު ބާވަތްތަކުގެ ހެދިކާއާއި މީރު ބުއިންތައް ތައްޔާރު ކުރަމުން ގެންދެއެވެ. ފިރިހެންވެރިން ރަށުތެރެ ޒީނަށްތެރި ކުރުމުގައި އަވަދިނެތި އުޅެމުން ދެއެވެ. ވަފުދުގެ ފަރާތުން ބައްދަލުވުން ބާއްވަން އޮތީ ސުކޫލުގައެވެ.

ވަފުދުގެ މެންބަރުން ވަޑައިގަންނަވައިފިއެވެ. ރައްޔަތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔެވެ. ސްކޫލު ކުދިންވެސް މި ވަފުދުގެ އިސްތިޤުބާލަށް ނުކުމެ ތިއްބެވެ. ސައިފޮދުގެ ކަންތައް ނިމުމުން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަފުދު ވަޑައިގަންނަވައިފިއެވެ. އޭރު ރައްޔިތުން ތިބީ ސްކޫލް ހޯލުގައި މި ބޭފުޅުން ގެ އިންތިޒާރުގައެވެ.

ސަރުކާރު ވަފުދުގެ އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަން ފަށްޓަވައިފި އެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ފަށައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަފުދުގެ ވެރިޔާގެ ވާހަކަފުޅަށްފަހު ދެންއޮތީ ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަ ކުރުމެވެ. މި ފުރުޞަތުގައި ރައްޔިތުންގެ ތެރެއިން އެކަކު އަތްމައްޗައް ނަގާ ބުނެފިއެވެ. މި ރަށުގައި ރައްޔިތުންގެ މަސައްކަތުން އަޅާފައި ހުރި ސިއްޙީ މަރުކަޒެއް އެބަހުއްޓެވެ. ނަމަވެސް ޑޮކްޓަރެއް ނެތެވެ. ޖަވާބު ދާރީވާން ސްޓޭޖުގައި ހުންނެވި ވަފުދުގެ ވެރިޔާ މޮބައިލް ފޯނު ނަންގަވާ ނަންބަރުތަކަކަށް ފިއްތެވުމަށްފަހު ވާހަކަފުޅު ދައްކަވާފައި ފޯނު ޖީބަށް ލައްވަމުން ވިދާޅުވިއެވެ. އަންނަ ހަފުތާގައި މި ރަށަށް ޑޮކްޓަރެއް ހަމަޖެހޭނެ އެވެ. ރައްޔިތުންގެ ތެރެއިން ދެވަނަ މީހަކު ހުށައެޅީ ސްކޫލުގައި އިނގިރޭސި ކިވައިދޭނެ ޓީޗަރަކު ނެތް މައްސަލަ އެވެ. މި ފަހަރުވެސް ކުރީފަހަރު ޢަމަލު ކުރެއްވި ގޮތަށް ވަފުދުގެ ވެރިޔާ ކަންތައް ކުރައްވާފައި ރައްޔިތުންނަށް ވިދާޅުވީ ތިން ދުވަސްތެރޭ ސްކުލަށް އިނގިރޭސި ޓީޗަރަކު ހަމަޖެހޭނެ ކަމަށެވެ.

ތިންވަނަ ސުވާލުހުށައެޅީ ރަށުގެ ޒުވާނެކެވެ. މިޒުވާނާ ދެންނެވިއެވެ. މިރަށުގެ އެއްވެސް ހިސާބަކަށް މޮބައިލް ފޯނުގެ ރޭންޖެއް ނުލިބެއެވެ. މި ފަހަރު ސަރުކާރުގެ ވަފުދުގެ ވެރިޔާ ފޯނެއް ނުނެންގެވިއެވެ. ކުޑަ އިރުކޮޅަކު ވިސްނާލައްވަން ހުންނަވާފައި ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ހަމައަށް ތިޔަ މައްސަލަ ގެންދަވާނެކަމަށެވެ.