އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސެނަގާލްގެ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން ހެދި ހެޓްރިކާއެކު ޓޮޓެންހަމް އަތުން 4-1 އިން ޗެލްސީ މޮޅުވެއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ޓޮޓެހަމްއިންނެވެ. މިލަނޑު މެޗުގެ 6 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ޑެޖަން ކުލުސެވްސްކީއެވެ. ރަނގަޅަށް ކުޅެމުންދިޔަ ޓޮޓެންހަމްއަށް މައްސަލަތައް ދިމާވީ 33 ވަނަ މިނެޓުގައި އިތުބާރު ޑިފެންޑަރު އާޖެންޓީނާގެ ކްރިސްޓިއަން ރޮމެރޯއަށް ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ރޮމެރޯއަށް ރަތްކާޑް ދެއްކީ ޕެނަލްޓީ އޭރިޔާގެ ތެރެއިން ޗެލްސީގެ މިޑްފީލްޑަރު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ރޮމެރޯ އާއި އެންޒޯއަކީ އާޖެންޓީނާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިއްމު ދެކުޅުންތެރިންކަން ފާހަގަ ކޮށްލެވެއެވެ.
ރޮމެރޯ ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޯލް ޕާމާއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ޓޮޓެންހަމް ރިހޭފައި މައްޗަށް ފޮއިވެއްޓުނީ ޑިފެންޑަރު ޑެސްޓިނީ އޮޑިގީއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކުމުންނެވެ. ނުވަ ކުޅުންތެރިންނާއެކު ކުޅެން ޖެހުމުންވެސް ޓޮޓެންހަމްގެ ފަރާތުން ފެނުނީ ތައުރީފް ހައްގު ކުޅުމެކެވެ.
ޗެލްސީން މެޗުގައި ލީޑް ނެގީ 75 ވަނަ މިނެޓުގައި ޖެކްސަންގެ ލަނޑުންނެވެ. އެއަށްފަހު މެޗުގެ އިތުރު ވަގުތުގައި ދެލަނޑު ކާމިޔާބުކޮށް ޖެކްސަންގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.
ޗެލްސީގެ މިކާމިޔާބީއާއެކު އެންމެ ބޮޑު އުފަލެއް ލިބޭނީ، ޓޮޓެންހަމްގެ ކުރީގެ ކޯޗް އަދި މިހާރު ޗެލްސީއަށް އިރުޝާދު ދެމުން އަންނަ މައުރީޝިއޯ ޕޮޗެޓީނޯއަށެވެ.
މިމެޗުން ބަލިވުމުގެ ސަބަބުން ތާވަލުގެ ދެވަނައަށް ޓޮޓެންހަމް ވަނީ ވެއްޓިފައެވެ. ދެވަނައިގައި ޓޮޓެންހަމް އޮތީ 26 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި މެންޗެސްޓަ ސިޓީ އޮތީ 27 ޕޮއިންޓާއެކުއެވެ. ޗެލްސީ އޮތީ 15 ޕޮއިންޓާއެކު 10 ވަނައިގައެވެ.