الحمد لله والصلاة والسلام على محمد و على آله و صحبه أجمعين , أما بعد...
ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމެވެ. ޝަހާދަތުގެ ދެކަލިމައާ ޖެހިގެން އަންނަ ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲ އާ ގުޅާލަދޭ ގުޅުމެވެ. ދީނުގެ ތަނބެވެ. އެ ނަމާދު އަޅައިފިމީހަކަށް މިދީނުގެ އެއްވެސް ނަސީބެއް މިންވަރު ވެގެނެއް ނުވެއެވެ. އެހެނީ އޭނާ އެ މުގުރާލީ ދީންކަމުގައި ނޫނީ ނުވެއެވެ.
ހަމަކަށަވަރުންވެސް މި މަތިވެރި އަޅުކަން ފަރުޟުކުރެވުނީ ހަތް އުޑުމަތިންނެވެ. އެހެން އަޅުކަންތަކާ ޚިލާފަށެވެ. ކައު ސާޙިބާ –صلى الله عليه وسلم - މާތްﷲގެ ޙަޟްރަތަށް އުފުއްލެވުމަށްފަހު އެވެ. އެއްވެސް ތަރުޖަމާނަކު ނެތިއެވެ. މާތް ﷲ ސީދާ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވިއެވެ. ނަމާދު ފަރުޟުކުރެއްވިއެވެ. ފުރަތަމަ ފަންސާސް ނަމާދުގެ ގޮތުގައެވެ. މާތް ނަބިއްޔާގެ އެކިފަހަރުގެ އެދުމުގެ މަތިން ފަސް ނަމާދަށް ތިރިކުރެވުނެވެ. ނަމަވެސް، ފަސްނަމާދުގައި ފަންސާސް ނަމާދުގެ ދަރުމައާއި ޡަވާބުލެއްވިއެވެ. މާތްﷲ ގެ ތަނަވަސްވެގެންވާ އޯގާވަންތަވެރިކަމާއި ރަޙްމަތްވަންތަވެރިކަމުންނެވެ.
ނަމާދު ފަރުޟު ކުރެވުމާ އެކު ނަމާދު ކުރާނެ ވަޤުތުތައްވެސް ވަނީ މާތްﷲ ކަޑައަޅުއްވާ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ.( إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا ) النساء/103 މާނައީ: (ހަމަކަށަވަރުން ނަމާދުވަނީ މުއުމިނުންގެ މައްޗަށް ވަޤުތު ކަނޑައެޅިފައިވާ ފަރުޟަކަށެވެ). އެހެންކަމުން، ހަނގުރާމައެއްގެ މެދުގައިވިޔަސް، ކަނޑުމަތީގައި ވިޔަސް، ޖައްވުގެ ތެރޭގައިވިޔަސް މިނަމާދު ވަޤުތުފާއިތުވުމުގެ ކުރިން އަދާކޮށް ނިންމަން ޖެހޭނެއެވެ. ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނެތެވެ. ފަރުވާ ކުޑަކުރެވޭނޭ ޖާގައެއްވެސްނެތެވެ.
އަދި އެއަށްފަހު، މިނަމާދު ފިރެހެންކަލުންގެ މައްޗަށް ކުރުން ވާޖިބުވެގެންވަނީ މިސްކިތުގައެވެ. ޖަމާޢަތުގައެވެ. އެހެނީ މިސްކިތްތައް ބިނާކުރެވިފައި އެވަނީ އެކަމަށްޓަކައެވެ. ކޮންމެ ނަމާދެއްގެވެސް ވަޤުތުވަނުމުން ބަންގި ގޮވަން ޝަރުޢުކުރެވުނީ އެސަބަބާހުރެއެވެ. މިއީ ފިރިހެންކަލުންގެ މައްޗަށް ވާޖިބެއްކަމަށް ޢިޝާރާތްކުރާ ވަރަށް ގިނަ ދަލީލުތައް ޤުރުއާނައި ސުންނަތުން ފެންނަން އެބަހުއްޓެވެ. ނަމަވެސް، ޤުރުއާނުގެ އެންމެ އާޔަތެއް ދަލީލެއްގެ ގޮތުން ފުދެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. {وأقيموا الصلاة وآتوا الزكاة واركعوا مع الراكعين } البقرة / 43 މާނައީ: ( އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތް ދޭށެވެ. އަދި ރުކޫޢުކުރާ މީހުންނާއެކު ރުކޫޢުކުރާށެވެ). އެހެންކަމުން ރުކޫޢު ކުރާ މީހުންނާއެކު ރުކޫޢުކުރެވޭނީ ޖަމާޢަތުގައި އެނަމާދު އަދާކުރުމުންނެވެ.
އިސްވެ ބަޔާންވެގެންދިޔައީ އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ ޤަދަރާއި މަޤާމުގެ ވާހަކަތަކެވެ. ނަމަވެސް، އެއީ ކުޑަކުޑަ އަލިއަޅުވާލުމެކެވެ. އެކަންތަކާ ބެހޭގޮތުން ޢިލްމުވެރީން ބޮޑެތި ބިޔަ ފޮތްތައް ލިޔުއްވާފައި އެބަހުއްޓެވެ. އަޅުގަނޑުގެ މައުޟޫ އެއާއި ނުލައި ކުރިޔަށް ގެންދަން އުދަގޫވާނެތީ ހަމައެކަނި އެކަންތައްތަކަށް ކުޑަކުޑަ ޢިޝާރާތެއްކޮށްލީއެވެ. انشاء الله , ދެން މިލިޔުމުގެ އަޞްލު މަޤްސަދާއިގެން ކުރިއަށްދާނަމެވެ.
އުފާވެރި މަންޒަރެއް:
ފުރަތަމަ ފެންނަމުންދާ އުފާވެރި މަންޒަރެއްގެ ވާހަކައިން ފަށާނަމެވެ. އެއީ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން މިވަނީ ވަރަށް ބޮޑަށް ދީނީ ކަންކަމާމެދު ހޭލުންތެރިވެފައެވެ. ދީނީ ދަރުސްތަކަށް ޙާޟިރުވާ މީހުންގެ އަދަދަށް ބަލާލީމާ، މިކަންތައް ފާހަގަކުރެވިގެންދާނެއެވެ. މާލޭގަ އެކަންޏެއްނޫނެވެ. ރަށްރަށުގަވެސް މެއެވެ. ނަތީޖާއަކީ، ﷲގެ ގެގޮޅުތަކަށް ދިރުންލިބިގެންދިއުމެވެ. ކޮންމެ ނަމާދަކަށްދާ މީހުން އިތުރުވުމެވެ. މުޞައްލީން ގިނަވުމެވެ. ބައެއްފަހަރު ކުދި މިސްކިތްތައް ފުރި ބާރުވެއެވެ. ނަމަވެސް، ހިތްތައްވަނީ ހުޅުވި މާތްﷲ ހިދާޔަތުގެ ނޫރުންފުރިފައެވެ. ބައެއްފަހަރު މުޞައްލީންގެ މޫނުތަކަށް ބަލާލެވެއެވެ. ފޫހިކަމެއްނެތިއެވެ. ﷲގެ ކަށަކުޅަދުންވަންތަކާމައި މެދު ފިކުރުކުރެވޭ ޙާލުގައެވެ. މި މަންޒަރު ފެނުމުން ހިތް އުފަލުން އުތުރި އަރައެވެ. ލޯ އުފަލުން ފެން ކަޅިވެއެވެ. ޒަމާންތަކަކަށްފަހު ފެންނަ މަންޒަރުގެ އުފާވެރި ކަމުންނެވެ. الحمد لله , الله أكبر.
ހިތާމަވެރި މަންޒަރެއް:
ދެން ހިތާމަވެރި މަންޒަރުގެ ވާހަކަ ދަންނަވާލާނަމެވެ. ފަތިސް ނަމާދަށް އަދިވެސް ޙާޟިރުވާ މީހުން މަދުވުމެވެ. އަޅުގަނޑު ޢާންމުކޮށް ނަމާދަށް އަރަނީ މާފަންނު އާ މިސްކިތަށެވެ. ކުޑަ މިސްކިތެކެވެ. ސަފެއްގައި ތިބެވޭނީ 25 މީހުންނަށެވެ. އެގޮތަށް ޖުމްލަ 7 ސަފުވަރު އޮވެއެވެ. ފަތިސްނަމާދު ނޫން އެހެން ހުރިހާ ނަމާދުތަކެއްގައިހެން މި 7 ސަފުވެސް ގާތްގަޑަކަށް ފުރެއެވެ. ނަމަވެސް ފަތިސް ނަމާދުގައި ގިނަ ފަހަރަށް ހަމަވަނީ އެންމެ ސަފެކެވެ. ސުވާލަކީ އެއްކަލަ ބާކީ 6 ސަފު ފުރަމުން އައި މީހުން ކޮބައިތޯއެވެ؟. އެމީހުންނަށް ފަތިސް ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވެވުނީ ކީއްވެގެންތޯއެވެ؟. މިއަދުގެ ފަތިސްނަމާދު މިސްކިތްތަކުގައި ކުރެވުނު އިރު އަޅުގަނޑު ކޮބައިތޯއެވެ؟. ކޮންމެ ބޭކަލަކުވެސް އަމިއްލަ ނަފްސާ މިސުވާލުތައް ކުރުން ބުއްދިވެރިއެވެ.
މިއީ ކުޑަ މައްސަލައެއްނޫނެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ. އަމިއްލަ ނަފްސު މިކަމަށް ބަލިކަށިވީ ކީއްވެގެންކަން ހޯދާ ބަލަންޖެހޭ ވަރުގެ މުހިންމުކަމެކެވެ. އީމާންކަން މުރާޖަޢާކޮށް ބަލަންޖެހޭ ވަރުގެކަމެކެވެ. އީމާންކަމާއި ނިފާޤާއި ގުޅުހުންހުރި ކަމަކަށްވެސް ވެދާނެއެވެ. ތަހުޤީޤީ ނަޒަރަކުން އަމިއްލަ ޙަޔާތުގެ އެކިއެކި ދިމާލަށް ނަޒަރު ހިންގާލުން ވަރަށް މުހިންމެވެ.
މުނާފިޤުންގެ ސިފައެއް:
މިއީ ބިރުވެތިވާންޖެހޭ މަރުހަލާއެކެވެ. އެހެނީ، ފަތިސް ނަމާދުގެ ޖަމާޢަތަށް މުނާފިގުންނެއް ޙާޟިރެއްނުވާނެއެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. އެމީހުން ނަމާދުކުރާގޮތް ސިފަކުރައްވަމުން މާތްﷲ އައްނިސާ ސޫރަތުގެ 142 އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وإذا قاموا إلى الصلاة قاموا كسالى"
މާނައި: އަދި އެބައިމީހުން ނަމާދަށް ތެދުވާއިރު ކަންނެތްވެ ތިބެ ތެދުވެއެވެ. މިކަމަށް ކައުއިތުރު ޞާޙިބާ – صلى الله عليه و سلم -ވެސް ވަރަށް ރަގަޅަށް ޢިޝާރާތްކުރައްވާފައިވެއެވެ.( إن أثقل الصلاة على المنافقين صلاة العشاء وصلاة الفجر ولو يعلمون ما فيهما لأتوهما ولو حبوا) މާނައީ: "ހަމަކަށަވަރުން މުނާފިޤުންގެ މައްޗަށް އެންމެ ބުރަ އަދި ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެބައިމީހުންނަށް މި ދެނަމާދުގެ ހުރި މާތްކަމާއި ދަރުމަ އެނގޭނަމަ ބިމުގައި ދެމިފައިވިޔަސް އެ ދެނަމާދަށް ޙާޟިރުވީހެވެ". މިތާގައި އެކަލޭގެފާނު އެމީހުން ނަމާދު ނުކުރާ ވާހަކައެއް ޙަދީޡްފުޅެއް ނުކުރައްވައެވެ. ޙަދީޘްފުޅު ކުރެއްވީ އެމީހުން އެ ދެނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ ވާހަކައެވެ.
ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ މީހުންގެ ގެތައް އެބައިމީހުންނާއެކު އަންދާލުމަށްވެސް އެކަލޭގެފާނު ޤަޞްދު ކުރެއްވިއެވެ.( ولقد هممت أن آمر بالصلاة فتقام ثم آمر رجلا فيصلي بالناس ثم أنطلق معي برجال معهم حزم من حطب إلى قوم لا يشهدون الصلاة فأحرق عليهم بيوتهم بالنار) މާނައީ:" އަދި ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަނެއެވެ. ނަމާދުވަޤުތު ޖެހުމުން މީސްތަކުންނާއިގެން ނަމާދުކުރުމަށް މިހާކު އައްޔަންކޮށް އަމުރުކުރުމަށްފަހު، ދެން ތިމަން ކަލޭގެފާނާ އެކީ ދަރުތައް ހިފައިގެން ދާނެ ބަޔަކު ގޮވައިގެން، ޖަމާޢަތަށް ޙާޟިރުނުވާ މީހުންގެ ގެތަކަށްގޮސް، އެގެތަށް އެމީހުންނާ ( އެބަހީ: ޖަމާޢަތަށް ޙާޟިރުނުވާ މީހުންނާ) އެކު އަލިފާން ރޯކޮށް އަންދާލުމަށް (ޤަޞްދުފުޅުކުރައްވާ ކަމަށެވެ)".
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު މާތް ނަބިއްޔާ – صلى الله عليه و سلم - މިފަދަ ޢަމަލެއް ކުރެއްވުމަށް ހިތްޕުޅަށް އަރާވަޑައިގެން ޤަޞްދުކުރައްވާނީ އެކަމުގެ (ޖަމާޢަތަށް ޙާޟިރުނުވުމުގެ) ފާފަ ކިހާ ބޮޑުވީމަތޯއެވެ؟. މިއިންވެސް އެނގެނީ ޖަމާޢަތުގައި ފިރިހެންކަލުން ބައިވެރިވުމަކީ ވާޖިބެއްކަމެވެ. ބައެއް މީހުން ބުނާގޮތަށް، މިއީ މުސްތަޙައްބު ކަމެއްނަމަ އެމީހުންނަށް އަލިފާނުން ޢަޒާބު ދެއްކުމަށް ރަޙްމަތުގެ ނަބިއްޔާ – صلى الله عليه و سلم - ޤަސްދުފުޅު ކުރައްވާނެކަމީ މުސްތަޙީލުކަމެކެވެ. އެހެނީ މުސްތަޙައްބު ކަންތައްތަކަކީ، ތިމަންނާއަށް އެކަމެއް ކުރުމަށް، ދީނުގައި އިޚްތިޔާރު ދީފައިވާ ކަންތައްތަކެކެވެ. ކުރުމުން އިތުރު ޡަވާބާއި ދަރުމަ ލިބޭ ކަންތައްތަކެވެ. ނުކޮށްދޫކޮށްލުމުން ފާފަވެރި ނުވާކަންތައްތަކެވެ. އެހެންކަމުން، ޖަމާޢަތަށް ޙާޟިރުވުމަކީ، ވާޖިބަކަށް ވުމުން މެނުވީ (އަދި ޖަމާޢަތަށް ޙާޟިރުނުވުމަކީ ނުރައްކާތެރި ބޮޑުފާފައަކަށް ވުމުން މެނުވީ) އެކަލޭގެފާނު އެފަދަ ޤަޞްދެއްނުކުރައްވާނެކަމީ ކަށަވަރުވެ ޔަޤިންވާކަމެކެވެ.
އީމާންކަން ޓެސްޓްކޮށްލެވޭ ކަމެއް:
ދުވާލާއި ރޭގަނޑުގެ ބައެއް ވަންދެން އަޅުގަނޑުމެން މިއުޅެނީ ތަފާތު ކަންކަމުގައި މަޝްޣޫލުވެއެވެ. ނިދާލަން ޖައްސާލެވެނީ އާންމުކޮށް އެގާރަ ބާރަ ޖާހާއިރުއެވެ. ބައެއް މީހުން އެއަށްވުރެ ދަންވަންދެންވެސް ހޭލާތިބެއެވެ. އެހެންކަމުން، ފަތިސް ނަމާދު ފިޔަވައި އެހެން ހުރިހާ ނަމާދުތަކެއް މި ދިމާވަނީ ބޭރުތެރޭގައި މަސައްކަތުގައި، ނުވަތަ ރައްޓެހިންނާއެކު، ނުވަތަ ގޭގައި ތިއްބާއެވެ. ބަންގި ގޮވާ އަޑުވެސް އިވެއެވެ. މީހުން ނަމާދަށް ދާތަންވެސް ފެނެއެވެ. ރައްޓެހީންވެސް ބަންގީގެ އަޑު އިވުނީމަ، މިސްރާބު މިސްކިތާދިމާއަށް ބަދަލުކޮށްލައެވެ. ފިހާރަތައް ބަންދުކޮށްލައެވެ. މިހުރިހާ ކަމެއް ފެނުނީމާ، މިސްކިތަށް ނަމާދަށް ދާން ހަނދާންވެއެވެ. ދާން ފަސޭހައެވެ. މީހުންތައް އެހުރެގެން ނަމާދަށްދަނީއެވެ. އޮފީހުން ނަމާދު ގަޑިއަށް، ނަމާދުކުރުމަށް، ބުރޭކު ލިބެއެވެ. އެހެންކަމުން މިގަޑިތަކުގައި ނަމާދަށް ދާން މާބޮޑު ވިސްނުމެއް ވިސްނާކަށް ނޯވެއެވެ. ހަމަ ދާންވީއެވެ. ފަރުޟެއްކަމުން އަދާކުރަންވެސް ޖެހޭނެއެވެ.
ނަމަވެސް، ފަތިސް ގަޑީގައި ވަނީ ކިހިނެއްތޯއެވެ؟. އަރާމު ނިންޖެވެ. ބަންގީގެ އަޑެއް ނުއިވެއެވެ. އަދި ނަމާދަށް މީހުންދާ ތަނެއްވެސް ނުފެނެއެވެ. ބައެއްފަހަރު އެލާމް ދިހަ ބާރަ ފަހަރު އެޅިޔަސް ހެޔެއްނުލެވެއެވެ. ގޭމީހުން ގޮވައެވެ. ނަމަވެސް، ތެދުވާން ހާދަ ބުރައެވެ. ނިދި ހަމަނުޖެހެއެވެ. އަދި ކުޑަ އިރުކޮޅަކު ނިދާލާފަ ތެދުވިޔަސް ގަޑިއެއް ނުކަޓާނެއެވެ. ނަތީޖާއަކީ ދެގޮތެވެ. ބައެއްފަހަރު ގަޑި ކަޓަންދެން ނިދާލެވެއެވެ. ނަމާދުކުރެވެނީ އިރުއަރާ ފަހުންނެވެ. އަނެއްބައި ފަހަރު، އިރު އަރަން ކައިރިވެފަ ހުއްޓާ ތެދުވެ އަވަސް އަވަހަށް ނިތްތަޅާލަނީއެވެ. މިއީ ބިރުވެރިކަމެކެވެ. މާތްﷲ މިގޮތަށް ނަމާދުކުރާ މީހުންނަށް ލަޢުނެއްހުރި ވާހާކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައެވެ.
" فويل للمصلين ، الذين هم عن صلاتهم ساهون ، الذين هم يراءون "
މާނައީ:" ފަހެ، ނަމާދުކުރާ މީހުންނަށް ލަޢުނަތް ހުއްޓެވެ.(ޢިލްމުވެރީން ويل އެއީ ނަރަކައިގެ ވާދީއެއް ކަމަށްވެސް ވިދާޅުވެއެވެ. އެ ރައުޔަށް ސަޕޯޓުދޭ ދަލީލުތައްވެސް އެބަހުއްޓެވެ). އެމީހުންނަކީ ނަމާދު ފަރުވާކުޑަކާމާއި އެކު (ނަމާދުގެ ވަޤުތުފާއިތުވަންދެން ލަސްކޮށް) ކުރާ މީހުންނެވެ. އަދި އެމީހުންނަކީ ކަންދެއްކުމަށް ނަމާދު ކުރާ މީހުންނެވެ."
ވިސްނަވާށެވެ!. މިކުރެވެނީ ތިބާގެ އިމްތިޙާނެވެ. ނިފާޤުކަމުގެ ސިފައިން ސިފަ ލިބެނީބާއެވެ. ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ ފަތިސް ނަމާދަށް އެ އަރާމު ނިދިން ހިއްލައިލެވޭނީ އީމާންކަމުގެ އަހުލުވެރިއަކަށެވެ. އެހެނީ، މިއީ ތިމަންނަގެ އީމާންތެރިކަން ހުރި މިންވަރެއް ޓެސްޓުވާ ވަޤުތުކޮޅެކެވެ. މިއީ އެ އީމާންކަން ކިރާލެވޭނެ މީޒާނެކެވެ. އަދި އިޚްލާޞްތެރިކަން ހުރިވަރު އެނގޭނެ ފާލެކެވެ. ތިބާ ފަރުވާތެރިވާށެވެ!. ކަމަކީ ތިބާގެ އީމާނާއި އިޙްލާޞްތެރިކަމާއި ގުޅިފައިވާކަމެކެވެ. ނިފާޤާއި އީމާނުގެ ހަނގުރާމައެކެވެ. ނަމަނަމަ، ނިފާޤުކަމަށް ފުރުޞަތެއް ނުދެއްވާށެވެ. އީމާންތެރިކަން ނަގާ ކޮޅަށްޖަހާށެވެ. ރައްބުލް ކާއިނާތުގެ ރުއްސެވުން، އިޚްލާޞްތެރިކާމާއި އެކު ހޯދުމަށް މަސައްކަތްކުރާ މުޖާހިދަކަށް ތިބާ ވާށެވެ. ނަފްސުގެ ޖިހާދަކީ އެންމެ އުދަނގޫ ޖިހާދުކަން ވެސް ތިބާ ދަންނާށެވެ. ނަފްސުގެ އަޅަކަށް ތިބާ ނުވާށެވެ. ތިބާ އަތުގައި ނަފްސުގެ ލަގަން ބާއްވާށެވެ. އެ ދޫނުކުރާށެވެ.
ވަޞިއްޔަތް:
އަޅުގަނޑުގެ ވަޞިއްޔަތަކީ ފަތިސް ނަމާދަށް ރައްކާތެތިވެ ފަރުވާތެރިވާށެވެ. ޖަމާޢަތުގައި ނޫނީ ނުކުރުމަށް ޢަޒުމް ކަޑައަޅާށެވެ. އަދި ހަމައެއާއެކު، ތިބާގެ އަހުލުންނަށްވެސް މިކަމަށް ބާރު އަޅާށެވެ. ރައްޓެހީންނަށް އިލްތިމާޞް ކުރާށެވެ. މާތް ﷲ ގެ މި ވަޙީބަސްފުޅު ހަނދުމަކުރާށެވެ.( يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَاراً وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ) التحريم/6
މާނައީ: " އޭ އީމާންވި މީހުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ. އެތަނުގެ ދަރަކީ މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެއެވެ".
މާތް ﷲ އަޅަމެންނަކީ އިޚްލާސްތެރިންކަމުގައި ލައްވާފާދޭއެވެ. އަދި އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ ބަޔަކު ކަމުގައި ލައްވާފާދޭވެ. އަދި ޖަމާޢަތުގެ ނަމާދުތަކުގައި ބައިވެރިވާ ބަޔަކުކަމުގައި އަޅަމެންލައްވާފާދޭވެ. އަދި ވަކިން ޙާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތްތެރީންގެ ގޮތުގައި އަޅަމެންލައްވާ އިބަﷲ ގެ ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެ ވަންތަވެރީން ކަމުގައި ލައްވާފާދޭއެވެ. އާމީން....
و صلى الله و سلم على خير خلقه محمد, والحمد لله رب العالمين...