ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީގައި ކުރިއަށް ދާ 17 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގެ ޝަންގްރިއްލާ ހޮޓެލުގައި ކަމަށް އެމަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ކޮންފަރަންސްގައި ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމާއި ޤައުމުތަކުގެ ތަރައްޤީ އާއި ޓެކްނޮލޮޖީގެ ދައުރާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޖަޒީރާ ގައުމުތަކަށް ލިބިދާނޭ ގެއްލުންތަކާއި އަދި އެކަން ކަމަށް ހޯދޭނޭ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްލޯބަލް ސިޓީޒަންޝިޕްގެ ގާނޫނުތަކާއި ގަވައިދުތަކާ ބެހޭ އޮނިގަނޑު އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދާނެއެވެ.

މި ކޮންފަންސްއަށް ފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހު 11 ގައެވެ.