ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް ދިރާސާކޮށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް ދިރާސާކޮށް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ޝަކުވާތަކާއި ހިޔާލުތައް ހުށަހެޅި ފަރާތްތަކަށް މިއަދު ޖަވާބު ދޭނެ ކަމަށާއި ދާއިރާތަކުގެ ފައިނަލް ރިޕޯޓް އާންމު ކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތައް ދިރާސާކޮށްފައި ވާއިރު މިހާރު ހިނގަމުންދާ ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ހަ ގޮނޑި އިތުރު ކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ބ. އަތޮޅަށް އެއް ގޮނޑި، ކ. އަތޮޅަށް އެއް ގޮނޑި، މާލެއަށް ދެ ގޮނޑި، ގއ. އަތޮޅަށް އެއް ގޮނޑި އަދި އައްޑުއަށް އެއް ގޮނޑި ހިމެނެއެވެ،