ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމަށްޓަކައި، އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައިސްގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާދެއްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް އަރިހުގައި ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޝަހީމް އައު ސަރުކާރުގެ އިސް މަގާ މަކަށް ވަޑައިގަތުމަށް އައިއޯސީސީގެ ރައީސްކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރުމަށް އެވިޑް ކޮލެޖުގައި ބޭއްވި ޖަލްސާގައެވެ. އެހެންނަމަވެސް ވަޑައިގަންނަވަނީ ކޮން މަގާމަކަށްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

މީގެއިތުރުން އައު ސަރުކާރުގައި އެމަނިކުފާނު ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމަށްކަމަށްވެސް އަޑުފެތުރިފައިވެއެވެ.

އެމަނިކުފާނަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ އިލްމީ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވެއެވެ.

އަދ ރައީސް ވަހީދުގެ ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް އުފެދުނު އިސްލާމީ ޔުނިވާސިޓީ ވައިސް ޗާންސެލަރކަމާއި ޗާންސެލަރކަންވެސް ޑރ. ޝަހީމް ކުރައްވާފައިވެއެވެ.

އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ އެޑްވައިޒަރުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓުވެސްމެއެވެ.

އަދި އެމަނިކުފާނު ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ ފިގްހު އެންޑް އުސޫލުލް ފިގްހުގެ ދާއިރާއިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.