އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރު ވެސް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިފި އެވެ.

އަދާލަތުން އާއްމުކުރި ބަޔާނެއްގައި ވަނީ، ޕާޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާއްމުކޮށްފަ އެވެ. އިއުލާނުގައިވާ ގޮތުން އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި، ނައިބް ރައީސްކަމަށް ހިމަނުއްވާފައި ވަނީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި ޑރ. ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި ފުރަތަމަ ފަހަރަށް، އަންހެނަކަށް ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް އިސްލާހެއް ގެނައި ނަމަވެސް އެއްވެސް އަންހެން ބޭފުޅަކު މަގާމަކަށް ކުރިމަތިލައްވާފައެއް ނުވެއެވެ.