އާފަލުގެ ތައާރަފަކަށް ދަމާ!
ގަސްގަހާގެ އިލްމުވެރިންގެ ބަހުންނަމަ މޯލަސް ސައިލްވެސްޓްރިސް (Malus sylvestris) އާފަލަކީ މަޑު ހުތްރަހައެއް އެކުލެވިފައިވާ ފޮނިރަހަދޭ މޭވައެކެވެ.
ހުރިހާ މޭވާއެއްގެ ރަސްގެފާނު ކަމުގައިވާ އާފަލަކީ އިންސާނުން ދުނިޔޭގައި ފުރަތަމަ އުޅެން ފެށިތާ އެންމެ ކުރީކޮޅުގައި ދުނިޔެއަށް ތައާރަފްވެފައިވާ މޭވާއެކެވެ. އާފަލުގެ ވާހަކަ ޗައިނާއާއި މިސްރު އަދި ބާބީލޯންގެ ގަދީމީ ފޮތްތަކުގައިވެސް ލިޔެވިފައިވެއެވެ. ކެސްޕިން އާއި ކަޅު ކަނޑުގެ ދެމެދުގައި މި މޭވާ އުފެދުނީ މީގެ ގާތްގަނޑަކަށް 4000 އަހަރު ކުރިން އިރުމަތީ ޔޫރަޕާއި ދެކުނު އިރުމަތީ އޭޝިޔާގެ ބައެއް ގައުމުތަކުންނެވެ.
މިއީ މިހާތަނަށް ފެނިފައިވާ އެންމެ ކަމުދާ އަދި އެންމެ މަގުބޫލު އެއް މޭވާ އެވެ. މަޝްހޫރު މުވާހިރާއެއްގައި ބުނާ "ދުވާލަކު އާފަލެއް، ޑޮކްޓަރުންނާ ދުރުގައި ބަހައްޓަދޭ" ބުނާ ފަދައިން ސިއްހަތަށް ހޭލުންތެރިވާ މީހުންނަށްވެސް މި މޭވާ އިން އަންނަނީ ވަރަށް ބޮޑު ފައިދާއެއް ކުރަމުންނެވެ.
މީގެ އިތުރުން "ފިޓްނަސްފްރީކުން" ވެސް އިސްކަން ދެނީ މި "ނިއުޓްރިއަންޓް ޕެކްޑް" ނިއުޓްރިޝަނުން މުއްސަނދި މޭވާ ކެއުމަށެވެ. ހުރިހާ ގޮތަކުން ވެސް މޭވާއަކީ ކޮންމެހެން ބޭނުންތެރި މޭވާއެކެވެ.
އާފަލުގެ ސިއްހަތަށް ލިބޭ ފައިދާތަކުގެ ދިރާސާ އަކީ ކުރީ މަރުހަލާއަށް ގޮސްފައިވާ ދިރާސާއެއް ނަމަވެސް، މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ ސިއްހަތު ކުރިއެރުވުމުގައި އޭގެ ނިއުޓްރިއެންޓްސް އެތައް ގޮތަކުން ދައުރެއް އަދާކޮށްފާނެ އެވެ.
އާފަލުގައި ހިމެނޭ ކާނާގެ މިންވަރަށް ބަލާލަމާ!
އާފަލަކީ، ކާނާގެ ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވިފައިވާ މޭވާއެކެވެ. މިނެރަލްސްއާއި، ވިޓަމިންސް ގިނަ އަދަދަކަށް އާފަލުން ލިބިދެއެވެ. އާފަލުން ލިބިދޭ ފައިދާ ބަލައިފައިވަނީ އޭގައި އެކުލެވިފައިވާ 9 އާއި 51 އާ ދެމެދުގެ ހަކުރުގެ އިންސައްތަ އިންނެވެ. މީގެތެރެއިން %61 އަކީ މޭވައިގެ ހަކުރެވެ. %25 އަކީ ގުލްކޯޒެވެ. އަދި %15 އަކީ އުއްދަނޑިން ލިބިދޭ ބާވަތުގެ ހަކުރެވެ.
ޅަކޮށް ހުންނަ އާފަލުގައި ސްޓާޗް ހުންނަނީ ވަރަށް މަދު މިންވަރަކަށެވެ. ދޮންވަމުންދާ ވަރަކަށް އާފަލު މިބައި ހަކުރަށް ބަދަލުވަމުން ދެއެވެ. މިއާއެކު އެސިޑްގެ ބައިވެސް ހަކުރުގެ މާއްދާއާއެކު ދާނީ އިތުރުވަމުންނެވެ މެލިކް އެސިޑް ކިޔާ މި މާއްދާއަކީ ހަށިގަނޑުގެ ހުރިހާ ބަޔަކަށްވެސް ބޭނުންވެއެވެ.
އާފަލުން ލިބިދޭ ބައެއްކަހަލަ ފައިދާތަަކަށް ނަޒަރު ހިންގާލަމާ!
- އާދަވެގެން އާފަލު ކާނަމަ އޭގެ ސަބަބުން ހަށިގަނޑުގެ ވަރަށް ގިނަ އުނދަގޫތައް ފިލައިގެން ދާގޮތް ވެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކައިދޭ ގޮތުގައި ދުވާލަކު އާފަލެއް ކާނަމަ އާއްމުކޮށް ކުދިކުދި ބަލިތައް ޖެހުން ދުރުވާނެއެވެ. އަދި އާފަލުގައި އެކުލެވިފައިވާ ކުރިން ބުނި މެލިކް އެސިޑްގެ ސަބަބުން ސިކުނޑިއަށާއި ފުރަމެޔަށް އިތުރު ފައިދާތަކެއް ލިބިދެއެވެ. ބަނޑުހިކުނަނުދީ ހަޖަމް ރަނގަޅުކޮށް ދިނުމަށް އެހީތެރިވެދެއެވެ.
- އާފަލުގައި ގިނަ އަދަދަކަށް އެކުލެވޭ އަޔަން ނުވަތަ ދަގަނޑުގެ މާއްދާއާއި، އާސަނިކްއާއި، ފޮސްފަރަސްގެ ސަބަބުން ހަށިގަނޑުން ލޭ މަދުވުން ދުރުކޮށްދެއެވެ. އަދި އެނީމިޔާ ހުންނަ މީހުންނަށް އާފަލަކީ ވަރަށް ބޭނުންހުރި ފައިދާކުރުވަނިވި މޭވާއެކެވެ.
- ބަނޑުހިކުމާއި، ބޭރަށްހިންގުމަކީ ނުހަނު ބޮޑު ތަފާތު ދެކަން ކަމުގައި ވިޔަސް މިދެކަމަށްވެސް އާފަލަކީ، ރަނގަޅު ފަރުވާއެކެވެ. ބަނޑު ހިކޭނަމަ ކާންދޭނީ ރޯ އާފަލެވެ.
- ބޭރަށްހިންގާނަމަ ފިހެގެން ނޫނީ ކައްކައިގެން އާފަލު ބޭނުން ކުރާށެވެ. ދިރާސާތަކުންނާއި ކަމާބެހޭ މާހިރުން ބުނާ ގޮތުގައި ބޭރަށް ހިންގާނަމަ އާފަލަކީ ރަނގަޅު މޭވާއެއް ނޫނެވެ. އެކަން ވާ ގޮތަކީ އާފަލުގައި ހުންނަ ސެލިއުލަސް ގެ ސަބަބުންނެވެ. ފިހެގެން ނުވަތަ ކައްކައިގެން އާފަލު ބޭނުން ކުރުމަށް އިސްކަން ދޭންވީ މިހެންވެއެވެ. ސަބަބަކީ އާފަލު ކެއްކުމުން ނުވަތަ ފިހުމުން އެކުލެވިފައިވާ ސެލިއުލަސް މަދުކޮށްދޭތީއެވެ. އެހެންކަމުން ކައްކާފައި ނުވަތަ ފިހެފައި ހުންނަ އާފަލު ކާނަމަ ބޭރަށް ހިންގުން ރަނގަޅުކޮށްދެއެވެ.
- ބަނޑުގެ އާދައިގެ އުނދަގޫތަކަށްވެސް އާފަލަކީ ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ބަނޑުގެތެރޭގައިވާ ހަޖަމްކޮށްދިނުމަށް އެހީވެދޭ އެކިއެކި ދިޔަވަރުތަކުގެ މަސައްކަތް ހަލުވިކޮށްދެއެވެ. އެހެންކަމުން ހަޖަމުކުރުމުގެ މައްސަލަ ދިމާވެ ބަނޑަށް އުނދަގޫވާނަމަ އާފަލަކީ އެންމެ އެކަށީގެންވާ ފަރުވާއެވެ.
- ބޮލުގައި ރިހުމަކީ ވަރަށް އާންމު ކަމަކަށްވާއިރު އާފަލަކީ ބޮލުގެ މިފަދަ ރިހުންތައް ރަނގަޅުކުރުމަށް ބޭނުންކުރަން ރަނގަޅު މޭވައެކެވެ.
- ހިތުގެ އެކިއެކި ބަލިބަލީގެ މީހުންނަށް އާފަލަކީ ވަރަށް ފައިދާހުރި މޭވައެކެވެ. ޕޮޓޭސިއަމް އާއި ފޮސްފަރެސް ނުހަނު ގިނައިން އާފަލުގައި އެކުލެވިފައި ވާއިރު ސޯޑިއަމް އެކުލެވިފައި ވަނީ ނުހަނު މަދު މިންވަރަކަށެވެ.
- ކިޑްނީގައި ހިލައުފެދުން: ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރި ވުމަށްޓަކާ އާފަލަކީ ވަރަށް ރަނގަޅު އެހީތެރިއެކެވެ.
- އަނގަޔާއި ދަތުގެ އެކިއެކި އުނދަގޫ: އާފަލަކީ، އަނގަ ސާފުކޮށްދޭ މޭވާއެކެވެ. އާދަވެގެން އާފަލު ކެއުމަކީ ދަތްފަނިކެއުންމުން ރައްކާތެރި ކޮށްދޭ ކަމެކެވެ. އަދި އެހެން ބާވަތްބާވަތުގެ މޭވާޔާ ޚިލާފަށް ދަތް ސާފުކޮށްދޭ ހާއްސަ މާއްދާއެއް އާފަލުގައި އެކުލެވިގެން ވެއެވެ.
- އާފަލަކީ ބަލިބަލިން ދިފާއުކުރުމުގެ ބާރު ހަށިގަނޑުގައި އުފައްދައިދޭ އަދި ޖިސްމާނީ އެހެންވެސް ގިނަ ފައިދާތަކެއް ލިބިދޭ މޭވާއެކެވެ. ހަށިގަނޑުގައި ހަކަތަ އުފައްދައިދިނުމާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށްދިނުމާއި، މިއީ، ކުޑަކުދީންގެ ހަށިގަނޑު ބޮޑުކޮށްދިނުމަށް އެހީވެދޭ ކާނާއެކެވެ.
އާފަލު ކެއުމުގައި އެންމެ ރަނގަޅީ ނުކައްކާ ރޮލާ ކެއުމެވެ. ކެއުމުގެ ފަހުން ބޭނުންކުރާ ފޮނި ކާއެއްޗެއްގެ ގޮތުގައިވެސް، އަދި ހިކި މޭވާޔެއްގެ ގޮތުގައިވެސް ޖެލީގެ ގޮތުގައިވެސް އާފަލު ބޭނުން ކުރެވިދާނެއެވެ. ތާޒާ އާފަލުގެ ޖޫހަކީ ހަށިގަނޑަށް އެންމެ ރަނގަޅު އެއްޖޫހެވެ. ހުސްބަނޑާ ހުރެ އާފަލު ކެއުމަކީ ބަނޑުގައި ރިހުމާއި އެހެންވެސް މިފަދަ އުނދަގޫތައް ފެށިދާނެ ކަމެކެވެ. އާފަލު ކާންވާނީ ރަނގަޅަށް ދޮވެގެންނެވެ. ހަލާކުނުވެ ގިނަދުވަހަށް އާފަލު ބެހެއްޓުމަށްޓަކައި އާންމުކޮށް އާފަލުގެ ބޭރުގައި އެކި ކެމިކަލް ބޭނުންކޮށްފައި ހުރުމާއި އަދި އާފަލުގެ ބޭރު ތޮށީގައި ޖަރާސީމު ހުރުން އެކަށީގެންވާތީ އަބަދުވެސް އާފަލު ކެއުމުގެ ކުރިން ރަނގަޅަށް ދޮންނަށް ހަނދާނުގައި ބަހައްޓަންވާނެއެއެވެ.
(ނޯޓް: މި ލިޔުން ލިޔެފައި މިވަނީ "ހެލްތުލައިން" އަދި "ފުރުޓްސްއިންފޯ" މިދެ ސަައިޓުގައި ހިމެނިފައިވާ މައުލޫމާތުތަކަށް ބިނާކޮށްފައެވެ.)