"ލިޔުންތެރިންގެ ގުޅުމުގެ ޅެންވެރިޔާ-2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިއީ ދިވެހި އަދަބިއްޔާތުގެ އެންމެ ހިތްގައިމު ފަންނުކަމުގައިވާ ޅެންވެރިކަން ދިރުވައި އާލާކުރުމާއި ޅެންވެރިކަމުގެ ޚަޒާނާ މުއްސަނދިކޮށް ޅެންވެރީންގެ މަސައްކަތުގެ އަގުވަޒަންކުރުމާއި އައު ޅެންވެރީންނަށް ހިތްވަރުދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ރާއްޖޭގެ ޅެންވެރިންގެ ދުވަހާ ގުޅުވައިގެން، ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްއިއްޔާ، ލިޔުންތެރިންގެ ގުޅުމުން ބާއްވަމުން އަންނަ ޅެން ހެދުމުގެ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ، އަންނަ ޑިސެންބަރު މަހުގެ 7ވަނަ ދުވަހުގެރޭ 10.00 އެވެ.

މި މުބާރާތަށް ހުށަހެޅޭ ޅެންތަކުން ތިރީގައިވާ ވަނަތައް ހޮވާނެއެވެ.

  • ލިޔުންތެރީންގެ ގުޅުމުގެ ޅެންވެރިޔާ 2024
  • މުބާރާތުން 1ވަނަ، 2ވަނަ، އަދި 3ވަނަ ޅެން
  • މުބާރާތުން 4 އިން 10 ވަނައަށް ހޮވުނު ޅެން

މުބާރާތުގައި ހޮވާ "ލިޔުންތެރީންގެ ގުޅުމުގެ ޅެންވެރިޔާ 2024" ގެ ޝަރަފު ދޭނީ މުބާރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެންމެ މަތީ މާކުސް ހޯދި ޅެން ހެދި ޅެންވެރިޔާއަށެވެ. އަދި މުބާރާތުން އެއްވަނައަށް ހޮވި "ލިޔުންތެރިންގެ ގުޅުމުގެ ޅެންވެރިޔާ- 2024" ގެ ޝަރަފު ދެވޭނީ، އެ ޅެމަށް ފަނޑިޔާރުންގެ ޖުމުލަ މާކުސް، 75 އިން މަތި ލިބިފައިވާ ނަމައެވެ.

އަދި މުބާރާތުން ދެވަނައަށް ހޮވޭނީ، 65 އިން މަތި ލިބިފައިވާނަމައެވެ. ތިން ވަނައަށް ހޮވޭނީ 55 އިން މަތި ލިބިފައިވާނަމައެވެ. މީގެ އިތުރުން ހަތަރު ވަނައިން ދިހަ ވަނައަށް ހޮވޭނީ، މަދުވެގެން 45 ން މަތީ މާކްސް ލިބިގެންނެވެ.

  • މުބާރާތުން 1 ވަނައަށް ހޮވޭ ޅެން ހެދި ޅެންވެރިޔާއަށް -/5000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި އިނާމު ދޭނެއެވެ.
  • މުބާރާތުގެ 2 ވަނައަށް ހޮވޭ ޅެން ހެދި ޅެންވެރިޔާއަށް -/3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި އިނާމު ދޭނެއެވެ.
  • މުބާރާތުގެ 3 ވަނައަށް ހޮވޭ ޅެން ހެދި ޅެންވެރިޔާއަށް -/2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި އިނާމު ދޭނެއެވެ.
  • މުބާރާތުގެ 4 ވަނަ އިން ފެށިގެން 10 ވަނައަށް ހޮވޭ ޅެން ހެދި ޅެންވެރީންނަށް (ކޮންމެ ވަނައަކަށް) ހަނދާނީ ލިޔުމާއި އިނާމު ދޭނެއެވެ.

މިމުބާރާތުގެ ގަވާއިދުތަކާއި އެހެނިހެން މައުލޫމާތުތައް "ލިޔުންތެރިންގެ ގުޅުން" ސައިޓުން ލިބޭނެއެވެ.