ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް "އެޗް" ގައި ޔޫކްރައިނުގެ ޝަކްތާ ޑޮނެސްކުން ސްޕެއިނުގެ ވަރުގަދަ ބާސެލޯނާގެ މައްޗަށް ރޭ 1-0 އިން ކުރި ހޯދައިފިއެވެ.
ހަނގުރާމައިގެ ސަބަބުން ޔޫކްރައިނުގައި މެޗް ނުކުޅެވެތީ މިމެޗް ކުޅުނީ ޖަރުމަނުގައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޝަކްތާއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޑަނީލޯ ސައިކަންއެވެ.
އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންކެއް ނުލައި ކުޅެން ޖެހުނު ބާސެލޯނާއަށް މިމެޗުގައި ޝަކްތާގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޝަކްތާއިން ވަނީ ހަތަރު ހަމަލާ ބާސެލޯނާގެ ގޯލަށް އަމާޒު ކޮށްފައެވެ. އެކަމަކު މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސެލޯނާއެވެ.
މިއީ 2008 ވަނަ އަހަރު 3-2 އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދިފަހުން ބާސެލޯނާ އަތުން ޝަކްތާއަށް ހޯދުނު ފުރަތަމަ މޮޅުކަން ފާހަގަ ކޮށްލެވެއެވެ. މިމުއްދަތުގައި ބާސެލޯނާ ވަނީ ހަތަރު ފަހަރަށް ޝަކްތާ ބަލިކޮށްފައެވެ.
މިމެޗުން ބަލިވުމުގެ ސަބަބުން ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރުމަށް ބާސެލޯނާއަށް އިތުރު އިންތިޒާރެއް ކުރަން ވަނީ ޖެހިފައެވެ. ގްރޫޕުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ހެޑްޓުހެޑުން ޕޯޓޯއަށްވުރެ ކުރި ހޯދައިގެންނެވެ. ޝަކްތާ ތިންވަނައިގައި އިތީ 6 ޕޮއިންޓާއެކުއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާތައް:
މެންޗެސްޓަރ ސިޓީ 3-0 ޔަންގް ބޯއީޒް
އޭސީ މިލާން 2-1 ޕީއެސްޖީ
އެތުލެޓިކޯ މެޑްރިޑް 6-0 ސެލްޓިކް