ތަހްގީގުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކުރުމަށް ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކޯޓުގެ މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ކ. މާލެ / މއ. ކޮޓްންވިލާ، އަހްމަދު ސަފްނީޒް (40އ) އާއި ގއ. ކޮލަމާފުށި / އަސަރީގެ، މުހައްމަދު ސާއިފް ޢަލީ (23އ) އެވެ.

މިގޮތުން އަހުމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަދި މުހައްމަދު ސާއިފް އަލީ ހޯދަމުންދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެފަރާތުން ވަނީ އެދިވަޑައިގަންފައެވެ.