ދަރުމަވަންތަ ސްކޫލާއި އިއްޒުއްދީން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި އިއްޒުއްދީން ސްކޫލު ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު އަލީ އާއި ޑެޕިއުޓީ އޮފް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް، ޑެޕިއުޓީ އޮފް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހެޑް އޮފް ރޯޑްޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އިއްޒުއްދިން ސްކޫލާއި، ދަރުމަވަންތަ ސްކޫލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހު 28 އިން މިމަހު 2 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ކްލާސްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވާ ކަަށާއި އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދަރުމަވަންތަ ސްކޫލާއި އިއްޒުއްދީން ސްކޫލުގެ ދަރިވަރުން ހިމެނޭހެން 52 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.