ފެނަކަ ކޯޕަރެޝަންގެ ދަރަނީގެ ނުވަދިހަ އިން ސައްތަ 2027 އާ ހަމައަށް ދައްކާ ހަލާސް ކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ފެނަކައިގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް ވޭތުވެދިޔަ ތަނުގައި ފެނަކައިގެ ތާރީހީ ހިސާބުތަކަށް އަލިއަޅުވައި ދެއްކެވި ވާހަކައިގައެވެ.
ފެނަކައިގެ ދަރަނި ބޮޑުވާން ޖެހެނީ މައިގަނޑު ތިން ސަބަބެއްކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އަގުތައް ބޮޑުވުމުން އެކުންފުނީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރި މަސައްކަތަށް ކުރި ހަރަދުތަކުގެ އަގު ބޮޑުވެގެން ދިއުމަކީ އޭގެ ތެރެއިން އެއް ސަބަބުކަމަށެވެ. އެކަމަކު އަގުތައް ބޮޑުވެގެން ދިޔުމުން ވެސް އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާނުލައި ފެނަކައިން ކުރިއަށް ގެންދިޔަކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ފޯކާސްޓް ކުރި އަދަދަށްވުރެ ދަރަނި ބޮޑުވާން މެދުވެރިވި ސަބަބެއްކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ކަނޑައެޅި ގާނޫނުގެ ސަބަބުން ފެނާއި ނަރުދަމާއިން ކުންފުންޏަށް ލިބެމުންދިޔަ ބޮޑު އާމްދަނީ ނުލިބުމަކީ ދެވަނައަށް ދިމާވި މައްސަލަކަމަށާއި އަދި ދެން ދިމާވި ކަމަކީ މިނިމަމް ވޭޖު ކަނޑައެޅުމުގެ ސަބަބުން ކުންފުންޏަށް ލިބެމުން އައި އާމްދަނީ ދަށްވުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެއެ. އެކަމުގެ ސަބަބުން ފެނަކައިގެ ޕެއި ރޯލަށް ވަރަށް ބޮޑު ލޮޅުމެއް އައިކަމަށާއި ރަށްރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ސަބަބުން ބަޖެޓުން ބޭރުން ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނުކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފެނަކައިގެ އޮތް ދަރަނި އަދާކުރުމަށްޓަކައި މިއަދު މި ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް 2024 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ނިންމަން އެކުންފުނިން އަމާޒުހިފާފައިވާ ކަމަށެވެ. އެހެންވީމާ ފެނަކައިގެ ފޯކާސްޓު ދައްކާ ގޮތުގައި 2027 އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސް ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އެކުންފުންނަށް ހަލާސް ކުރެވޭނެކަމަަށް ސައީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި ފެނަކައިން ދައްކަން ޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާއިރު އެ ކުންފުނިން އެކި ސަޕްލަޔަރުންނަށް ދައްކަންޖެހޭ އަދަދު ވެސް ހުރީ 2.16 ބިލިއަނުގައި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ ހާމަކޮށްފައެވެ.