ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި އެކި ކުންފުނިތަކާ އެކު ކޮންޓްރެކްޓް ހެދިފައި ވާނީ އެކި ގޮތްގޮތަށް ކަމަށާއި ފެނަކައަކީ ރައްޔިތުންނަށް ހިދުމަތްދޭ ކުންފުންޏެއް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ފެނަކައިގެ ކުރު ހުލާސާއެއް ދިނުމަށް މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ، މި ސަރުކާރުން ފެނަކައާ ހަވާލުވެފައިވަނީ އެ ކުންފުނީގެ އާމްދަނީ 40 ޕަސަންޓު އިތުރުކޮށްފައި ކަމަށެވެ. ފެނަކައަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް ސައީދު ވިދާޅުވިއެވެ. ކުންފުންޏަކީ ވިޔަފާރިކުރާ ނަފާ ހޯދަން އިސްކަންދޭ ކުންފުންޏެއް ނޫންކަމަށާއި އެކި ކުންފުނިތަކާ އެކު ކޮންޓްރެކްޓް ހެދިފައި ވާނީ އެކި ގޮތްގޮތަށް ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ފެނަކައިގެ އާމްދަނީ 40 ޕަސެންޓަށް އިތުރުވީ ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން ކަމަށެވެ.
2018 ވަނަ އަހަރުގެ ފަހުކޮޅުން ފަށައިގެން ފެނަކައިން ދެމުންގެދިޔަ ހިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިވެފައި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފެނަކައިގެ ވަރަށް ގިނަ ހިދުމަތްތައް ވަނީ އާ ކުރެވިފައި ކަމަށާއި ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ވިދާޅުވިއެވެ.
އެ ކަންތައްތަކުގެ ސަބަބުން ކުރިއަށް އޮތް 40 އަހަރުގެ ތެެރޭގައި ފެނަކައިގެ މައިގަނޑު އިންފްރާސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. ކުރަން ޖެހޭނެ ހަމައެކަނި މަސައްކަތަކީ އިންޖީނު ގެނައުމާއި އިންޖީނުތައް ބޮޑު ކުރުމާއި ކުޑަކުރުމުގެ މަސައްކަތްކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދު އިތުރުވެގެންދިޔައީ ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދޭންޖެހުމުންކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އެވަޒީފާތައް ދީފައިވާނީ ސިޔާސީ އެއްވެސް ބޭނުމެއް ހާސިލު ކުރުމުގެ މަގްސަދެއްގައި ނުންކަމަށް ސައީދު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސައީދު ވަނީ މި ދައުރުގައި ފެނަކައާއި ގުޅޭ ގޮތުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުކުރެވިފައި ނުވާ ކަމަށާއި ދެން ވެސް އެފަދަ ކަމެއް ސާބިތު ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.