ދިވެހި ފުލުހުންގެ ހިދުމަތުން ދެކޭގޮތުގައި މަގުމަތި ފެންނަންވާނީ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ރޭ ކުރިއަށް ދިޔަ 66 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ދިވެހި ފުލުހުން ގުޅިގެން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ޕްރޮގްރާމެއް ހިންގިދާނެކަން އެއީ މީގެ 10 އަހަރު ކުރިން ހިޔާލަށް ގެންނަން ވެސް ދަތިވި ކަމެއް ކަމަށެވެ.
އަދި މަގުމަތި އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުން ނަތީޖާ ހާސިލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ފަރާތުން މީގެ 10 އަހަރު ކުރިން ކުރިއަށް ގެންދަން ފެށި މިފަދަ އެއް ޕްރޮގްރާމަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އަދި ޓްރެފިކް މޮނީޓާސްގެ 66 ވަނަ ޕްރޮގްރާމު ނިމިގެންދާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އެތަނެއްގައި ގާނޫނު ތަންފީޒުވެފައި އޮންނަވަރު ދައްކުވައިދޭ އެއްޗަކީ މަގުމަތީގައި ޓްރެފިކް ބެލެހެއްޓޭ މިންވަރުކަމަށް ތަޖުރިބާކާރުން ބުނާކަމަށާއި މަގުމަތި ރައްކާތެރިކޮށް، އަމާން ތަނެއްގެ ގޮތުގައި ބޭއްވުން އެއީ ރާއްޖޭގެ ގާނޫނަށް ބޯލަނބާ ރައްޔިތަކު އުޅޭ ތަނެއްގެ ގޮތުގައި ވަޒަންކުރާ މިންގަނޑަށް އަންނާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު ހެދި ސްޓްރެޓީޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ޕްރިއޯރިޓީއަކީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުން ކަމުގައި ވިދާޅުވިއެވެ. އަދި އޭގެދަށުން، ސްކޫލުތަކާއި އެކުގައި މަގުތައް އަދި މުޖުތަމައުގެ އެހެން ބައިވެރިންނާ އެކުގައި ކަނޑުތަކަކީ ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި ފެންނަ ބަޔަކީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ ތެރެއިން ތަމްރީނުވި ދަރިވަރުން ކަމަށެވެ. އަދި އެ ދަރިވަރުންނަކީ މި ގައުމަށްޓަކައި، އަ ސިމްބަލް އޮފް ޕްރޮމިސް އެއް ކަމަށާއި މި ގައުމުގެ ރައްކާތެރިކަން މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރާނެކަމުގެ ޔަގީންކަން ގެނުވައިދޭ ނިޝާންތަކެއް ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ މަގުތައް ރައްކާތެރިކުރުމަށް ދަރިވަރުން ކުރާ މަސައްކަތްތަކުގައި ސާބިތުވެ ތިބުމަށާއި ތައުލީމީ ދައުރު ނިމި އަމަލީ މައިދާނަށް ނުކުންނައިރު ވެސް އެކަންކަން ހަނދާނުގައި ބެހެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.