ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ހިންގާ "ޖުޑީޝަރީ ފޯ ޖޫނިއާސް" (ޖޭ4ޖޭ) ގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

"ޖޭ4ޖޭ" ގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް އޮންލައިންކޮށް ވަނީ ހުޅުވާލާފައިވާކަަމަށް ޔޫއެންޑީޕީ މޯލްޑިވްސް އިން ބުނެއެވެ. ބައިވެރިވާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން 40 ފަރާތަކަށް ފުރުސަތު ލިބޭނެއެވެ.

މީގެއިތުރުން މި ޕްރޮގްރާމަކީ ޝަރުޢީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނާއި ޒުވާނުންނަށް އެ ދާއިރާއާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގައި ސެޝަންތައް ކުރިއަށްގެންދާނީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންނާއި ޔޫއެންޑީޕީގެ މުވައްޒަފުން ހިމެނޭހެން ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވާ އަންނަ ޑިސެމްބަރު މަހުގެ 14 އިން 21 އަށެވެ.

މިދިޔަ އަހަރު ބޭއްވި ޖޭ4ޖޭގައި 37 ޒުވާނުން ބައިވެރިވިއެވެ.