ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރުގެ (އުފަންވެނި ކްލިނިކް) ގެ ހިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފިއެވެ.

އަންހެނުންގެ ބަލިތަކުގެ ސްޕެޝަލިސްޓް 2 ޑޮކްޓަރުންނާއެކު މިދިޔަ ހޯމަ ދުވަހު ހުޅިވި މި ކްލިނިކަކީ ރީޖަނަލް ފެންވަރުގައި ފެށި ފުރަތަމަ ވެލްވުމަން ކްލިނިކެވެ. ރަހިމުގެ ކެންސަރާއި އުރަމަތީގެ ކެންސަރުން ރައްކާތެރިވުމާ ބެހޭގޮތުން މައުލޫމާތު ދިނުމާއިި އުރަމައްޗަށް އަންނަ ބަދަލުތައް އަމިއްލައަށް ބަލާނެ ގޮތްތައް ދަސްކޮށްދިނުން އަދި އެ ބަލިތަކަށް ސްކްރީންކުރުން ފަދަ ސްކްރީނިންގެ މަސައްކަތްތަށް މި ކްލިނިކުން ކުރެވޭނެއެވެ.

"އާންމު ބަލި މީހާ އާއި ރިޕްރޮޑަކްޓިވް ހެލްތަށް ދައްކާ މީހުން ތަފާތުވެގެންދާނެ މި ބަދަލުތަކާއެކު. އޭގެ ސަބަބުން މާބަނޑު މީހުންނަށް ފަރުވާ ދިނުމަށް ހޭދަކުރާ ވަގުތު އިތުރުވެގެންދާނެ." އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވި އެވެ.

ޒަމާނީ އައު ވަޞީލަތްތަކާއެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާއާއި ލެޕްރޯސްކޮޕިކް ސަރޖަރީގެ ޚިދުމަތްވެސް އެހޮސްޕިޓަލުންވަނީ ފަށާފައެވެ.