އެއް ރިސޯޓުން އަނެއް ރިސޯޓަށްދާ މުވައްޒަފުންވެސް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކުރަންޖެހޭގޮތަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ރިސޯޓްތަކުގައި ކޯވިޑް19ގެ ކޭސްތައް ފެންނަން ފެށުމާއި ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ ގޮތުން އެއް މެނޭޖްމަންޓެއްގެ ދަށުގައި ހިންގާ އެއް ރިސޯޓުން އަނެއް ރިސޯޓަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާކަށް ނުޖެހެއެވެ. ނަމަވެސް މިމަހުގެ 19 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މި އުސޫލަށް ބަދަލުގެނެސްފައެވެ.

މި އުސޫލްގައި ބުނެފައިވަނީ އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ރިސޯޓްތަކާއި ތަފާތު މެނޭޖްމަންޓްތަކުގައި ހިންގާ ރިސޯޓްތަކުން ވިޔަސް، އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންދާނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި މަސައްކަތަށް ނިކުމެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް، ނެގެޓިވް ޕީސީއާރު ނަތީޖާއެއް ލިބުމުންކަމަށެވެ.