މަހަށް ނުކުމެ އުޅުނު 111 ފޫޓުގެ މަސްދޯންޏެއް މެދުން ބިންދައިގެން ހިނގައްޖެއެވެ. ބިންދައިގެން ދިޔައީ "އޯކިޑް 707 ނަމަކަށް ކިޔާ ގއ. ގެމަނަފުށީ ދޯންޏެކެވެ.

ދޯނި ބިންދައިގެން ދިޔައީ އަޑެއްކިޔާފައި މެދުންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ހާދިސާ ދިމާވީ ކަނޑުގަދަވެގެން ކަމަށްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންދައިގެން ދިޔައިރު ދޯނި އޮތީ ފުވައްމުލަކު ސިޓީއާ ގާތް ގަނޑަކަށް ވިއްސަކަށް މޭލު ބޭރުގައެވެ.

މިހާދިސާ ހިނގިއިރު ދޯނީގައި ތިބީ 35 މީހުންނެވެ. އެއީ ދިހަ ދިވެހިންނާއި ތޭރަ ބިދޭސީންނެވެ. އެންމެންގެވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން އޯކިޑް 707 މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ފަށާފައިވާ ކަމަށެވެ. މި ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ދޮށިމޭނާ" ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދޯނި ބިންދައިގެން ދިޔަޔަސް އޮތީ ފެންމަތީގައި ކަމަށް ވުމުން އެހެން ދޯނިތަކެއްގެ އެހީގައި ދޯނި ގެންނަން ޖެހޭނީ ކަފުޖަހައިގެން ކަމަށްވާތީ އެހެން ބައެއް ދޯނިތައް ހާދިސާގެ ހަބަރު ލިބުމާއެކުހެން އެދިމާއަށް ދިއުމަށް ވަނީ ދަތުރުފަށާފައެވެ.

(ނޯޓް: ހާދިސާ ހިނގި އެސަރަހައްދަށް ރޭންޖް ލިބުން ވަރަށް ދަށެވެ. އެހެންކަމަށްވިޔަސް އެވަގުތު ސެޓެލަައިޓްގެ ޒަރީއާއިން މަައުލޫމާތު ފޯރުކޮށްދެވުނު ފަރާތަކުން މިކަންތައް "ހަލި"ނޫހަށް ކަށަވަރުކޮށްދިން ނަމަވެސް، މިއަދު ހެނދުނު 11 ޖަހަން އުޅެނިކޮށް ހިނގި މިހާދިސާގެ މައުލޫމާތު އޭގެ ދޮޅުގަޑިއެއްހާއިރު ފަހުން 12:45 ހާއިރު ލިބުނުކަމުގައި ވިޔަސް އެމްއެންޑީއެފުން މައުލޫމާތު ސައްހަ ވަންދެން ހަބަރު ފޯރުކޮށް ނުދީ މަޑުޖައްސާލަން ޖެހުނުކަންވެސް ފާހަގަކޮށްލަމެވެ.)