ކުރިއަށް އޮތް ސަރުކާރުގައި 22 ވުޒާރާ އެއް އެކުލަވާލާފައިވާނެ ކަމަށާއި، ވުޒާރާތައް އިތުރުވި ނަމަވެސް ހަރަދުތައް ކުޑަވާނެކަމަށް އިންތިހާބީ ރއީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ޓީވީއެމް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމް "ދިވެހީންގެ ރާއްޖެ"ގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރީތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޮޑެތި ވުޒާރާތައް ބައިކޮށްފައިވާނެ ކަމަށެވެ. އެއް މިމިނިސްޓަރީއެއްގެ ދަށުގައި އެތައް ބައިވަރު ކަންކަން ކުރަން ޖެހުމުގެ ސަބަބުން އެއްވެސް ކަމެއް ރަނގަޅަށް ކުރިއަށްނުދާކަން ހާމަކުރައްވައި އޭގެ މިސާލެއްގެ ގޮތުން ޕްލޭނިންގއަށް މިނިސްޓަރީ ނަންގަވައި ޑރ މުއިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ބައެއް ބޮޑެތި މިނިސްޓްރީތައް އާ ވުޒާރާތައް ގާއިމު ކުރެވިގެންދާނެ ކަމަށާއި މުޅިން އަލަށް ދެ މިނިސްޓަރީއެއް އުފެދިގެންދާނެ ކަމަށްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެއީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ބައެއް ދާއިރާތަކަށް ހާއްސަކޮށްގެން އިތުރަށް އުފައްދާ ދެ މިނިސްޓަރީއެއްކަމަށްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ސަރުކާރުގައި 22 ވުޒާރާ އެކުލަވާލާފައިވާނެކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ އާ ވުޒާރާތަކަށް އިތުރު އިމާރާތްތައް ނުނަންގަވާނެ ކަމަށެވެ. އަދި އެ ވުޒާރާތައް ހިންގަވާނީ މިހާރުވެސް ހުރި އިމާރާތްތަކުގައި ކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ 22 ވުޒާރާއެއް އެކުލަވައި ހިންގެވިކަމުގައި ވިޔަސް ހިންގަވާނީ ހަރަދުކުޑަ ސަރުކާރެއްކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ އާ ވުޒާރާތަކެއް އެކުލަވާލި ނަމަވެސް، ސިވިސް ސާވިސްއަށް އޭގެ ޒާތުގައި ނަގަން ޖެހޭ މުވައްޒަފުން ނިސްބަތުން އިތުރުވެގެން ނުދާނެ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް އަލަށް ނަގާ ވަޒީފާތައް 5 އިންސަވެސް އިތުރު ނުވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ބައެއް ބޮޑެތި ވުޒާރާތަށް ދެބައި ކުރުމާއި އާ ވުޒާރާތަކެއް އުފެއްދުމުގެ މަގްސަދަކީ ވުޒާރާތަކަށް ބުރަ ނުވާނެވަރުގެ މެންޑޭޓުތައް އެކުލަވާލުން ކަމަށާއި އަދި އެފަދަ މެންޑޭޓުތައް އެކުލަވާލައިގެން މަސައްކަތް ކުރާނަމަ ނަތީޖާ ނެރުމަށް ވުޒާރާތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވުޒާރާތަކަށް ބޮޑެތި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވި އެވެ.