އާސަރުކާރުގައި ކުރައްވާނެ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަންކަމަށް އަލިއަޅުވާލައްވަމުން އެއް ނަމްބަރަކީ އެއާޕޯޓް ދެން ބޯހިޔާވަހިކަން ތިންވަނަ، އައްޑޫ ބްރިޖް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ މުއިއްޒު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް ކުރިޔަށް ގެންގޮސް އަވަހަށް ނިންމަން ކުރަން ހުރި ކަންކަން ވެސް ފަށާފައިވާ ކަމަށެވެ. އެ މަނިކުފާނު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ވަރަށް ބޮޑެތި ކަންކަން ހާސިލު ކުރެއްވިފައިވާއިރު ސައުދީ އަރަބިއްޔާއިން ވެސް އެހީވެފައިވާ ކަމަށެވެ.

"އެހެން ގައުމުތަކުން ވެސް ކޮށްދޭނެ މި ހުރިހާ ކަމެއް ކުރުމާއެކުގަ އަޅުގަނޑު ކުރިޔަށް ގެންދާނަން ގެދޮރުވެރކަން އެއީ އެންމެ ބޮޑު މައްސަލަ އެ މައްސަލަ ހައްލު ކުރަން ފުރަތަމަ ދުވަހުން ފެށިގެން ފެށިގެން އަޅުގަނޑު މަސައްކަތް ފަށާނެ ވާހަކަ ދެންނެވިން... ފުރަތަމަ މަހު، ނޮވެމްބަރު މަހުގެ ތެރޭގައި ޓާގެޓަކީ ފުށިދިއްގަރުފަޅުގެ ހިއްކުމުގެ މަސައްކަތް ފަށައިގަތުން، މާނައަކީ ބަޔަކު ހޯދައި އީއައިއޭ ފަދަ ހުރިހާ ކަމެއް ފަށައިގަނެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު ހިއްކަން ފަށާނަން، އެއީ ޓާގެޓަކީ... އެދާ ގޮތަށް ގޮސް ގާތްގަނޑަކަށް 10 މަސްތެރޭ ހިއްކާ ނިމޭނެ އެންމެ ލަސްވެން، ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖްގަރުތައް ގެނެސްގެން އެތަން ހިއްކާނީ"

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އިގްތިސޯދީ ގޮތުން ރާއްޖެ އޮތް ހާލަތު އެނގެ އެވެ. އެކަމަކު ވެސް ދައުލަތުން މާ ބޮޑު އެއްޗެއް ހަރަދު ކުރަން ނުޖެހޭ، އަދި ފަހުން ވެސް މާ ބޮޑު ހަރަދެއް ކުރަން ނުޖެހޭ ފޯމިއުލާއެއް ނެރެ، ފުށިދިއްގަރުފަޅުގެ މަސައްކަތް ކުރައްވާނެ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކާ ތޮށިލާއި އިންވެސްޓްމެންޓްތައް ގެންނަވާނެ އެވެ.

"މިކަހަލަ ގިނަ މަސައްކަތްތަކެއް ރޭވުމުން ދަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަޝްރޫއަކީ އެއާޕޯޓް އެއީ ނަމްބަރު ވަން ފުރަތަމަ ނިންމަން އެންމެ އިސްކަން ދޭ މަޝްރޫއު އެއީ. ޖެހިގެން ދެން އަންނަނީ ފުށިދިއްގަރުފަޅު، ދެން އައްޑޫ ބްރިޖް ޕްރޮޖެކްޓް ދެން މިހެން ހުންނާނެ ބައިވަރު މަޝްރޫއުތައް މިކަހަލަ މަޝްރޫއުތަކަށް އަޅުގަނޑުމެން ބަޖެޓްގައިވެސް ހިމަނާފައި ވާނެ. އައްޑޫގެ ޕްރޮޖެކްޓްގެ ޑީޓެއިލް ސާވޭ އާއި ޑިޒައިނާއި ކުރަންޖެހޭ ކަންކަންކޮށް، ބަޔަކު ހޯދާ ދެމަހެއް ތިންމަހެއް ތެރޭގައި ހަވާލު ކޮށްގެން މަސައްކަތް ފަށާނަން. އެހެން ހުރި ކީ ހުރިހާ މަޝްރޫއެއް ހިނގައިގަންނަން ފަށާނެ ފުރަތަމަ ދެތިން މަސް ތެރޭގައި"

މުއިއްޒު ވިދާޅުވީ އެކަންކަން ހިނގާއިރު އިންވެސްޓަރުން އިތުރަށް ރާއްޖެ ގެނައުމަށް އިގްތިސޯދު ވަރުގަދަ ކުރުމުގެ މސައްކަތް ވެސް ރާވައިގެން ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެނޭ މިދަންނަވަނީ ލަފްޒީ މާނައާ އެކުގައި ފުރަތަމަ ދުވަހޭ ދެންނެވިއަސް ފުރަތަމަ ހަފުތާއިން ފެށިގެން ފެންނަން ފަށާނެ ތަފާތުތަކެއް. ސިރީއަސް މަސައްކަތްތަކެއް ފެށިގެން ދާތަން އެ މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލު ކަމާއި ބުންވަރާ ޝައުގުވެރިކަން ހުރި ބޭފުޅުން އަޅުގަނޑުގެ ޓީމަށް ނަގަނީ، ޔަގީންކަން އެބައޮތް ނަތީޖާ ރަައްޔިޔތުން އެދޭ ގޮތަށް ނެރެ ދެވޭނެ،" ޑރ މުއިއްޒު ވިދާޅުވިއެވެ