އާ ސަރުކާރު އެކުލަވައިލައްވަނީ ގޭގައި އަރާމުކޮށް ނިދާފައި ތިބެން ނޫން ކަމަށާއި ސަރުކާރު އެކުލަވައިލައްވާނީ ރެއާ ދުވާލު ބުރަ މަސައްކަތް ކުރަން ކަމަށް އިންތިހާބީ ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވީ ޕީއެސްއެމަށް އެ މަނިކުފާނު މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އެމަނިކުފާނާމެދު ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގެ ޓީމް، އެކުލަވައިލައްވަނީ ސިދާ ނަތީޖާ ނެރެން ކަމަށެވެ.

"އެ ޓީމް އެކުލަވާލަނީ ރިޒަލްޓް އޮރިއެންޓެޑް، ސީދާ ނަތީޖާ ނެރެން. އެނޫން އެއްވެސް ކަމަކާ ވިސްނާކަށް ނޫން. ނުދޭނަން ނޯންނާނެ އެ ފުރުސަތެއް އޮތީ ސީދާ ނަތީޖާ. އެނަތީޖާ ނެރުން ނޫން ކަމެއް ނުކުރާނެ އެއިން އެއްވެސް ބެފުޅަކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު އަލުން ނަގާ ކޮޅަށް ޖަހަން ކުރަން ޖެހޭ ހުރިހާ ކަމެއް ކެމްޕޭނުގައި އިއުލާން ކުރައްވާފައިވާނެ ކަމަށާއި އެކަން ވެސް ކޮށްފައި ވާނީ ދެފުށް ފެންނަހެން ހާމަވާ ގޮތަށް ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކުރާނެ އާކަމެއް ނޯންނާނެކަމަށާއި އިގްތިސާދީ މެނިފެސްޓޯ އިއުލާން ކުރި ރޭ އެ ދެއްކި ވާހަކައިގެ ބޭރަކުން ކުރަންޖެހޭ ކަމެއް ނޯންނާނެކަމަށެވެ.

" އެއީ އަޅުގަނޑު ކުރާނެ ކަންކަން! މި ޓްރާންސިޝަން ޕީރިއަޑްގައި ވެސް އަޅުގަނޑުމެން މިހާރު މިއޮތް ބަޖެޓްގެ ތާށިކަން ހައްލު ކުރަން ވެސް ކުރެވޭނެ ކަންތައްތަކާމެދު މިހާރު ވަނީ މަސައްކަތް ފަށާފައި. ބަޖެޓް ސަޕޯޓް ހޯދަން ޖެހޭ ކަމަށް އެމްއެމްއޭއިން ބުނޭ، ފިނޭސުން ވިދާޅުވޭ އެކަމަށް ވެސް އިސްވެ މަސައްކަތް ފަށައިފިން،" ޑރ މުއިއްޒު ވިދާޅުވިއެވެ.