މިމަހުގެ 17 ވަނަ ދުވަހު ރިޔާސީ ދައުރު ފުރިހަމަ ކުރައްވާ، ރައީސް ސާލިހުގެ ދެކަނބަލުން ރަސްމީ ގެކޮޅު މުލިއާގެ ދޫކޮށްލައްވައިފިއެވެ. މުލިއާގެ ދޫކޮށް، ރައީސް ސާލިހު ދިރިއުޅުން ބަދަލު ކުރެއްވީ މ. ސަނީ އިން އަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންވި ރަައީސް ސާލިހު މުލިއާގެއަށް ދިރިއުޅުއްވުން ބަދަލު ކުރެއްވީ އެއަހަރުގެ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޔާމިން އެމަނިކުފާނުގެ ދައުރުގައި މުލިއާގެ ބޭނުން ކުރެއްވީ ސިޔާސީ ހަރަކާތްތަކަށެވެ. އެމަނިކުފާނު ދިރިއުޅުއްވީ ގ. ދޫވެހީގައެވެ. އޭގެ ކުރިން ވެރިކަން ކުރެއްވި ރައީސް ވަހީދު މުލިއާގޭގައި ދިރިއުޅުއްވާފައެއް ނުވެއެވެ. އެމަނިކުފާނު ދިރިއުޅުއްވީ ހިލާލީގޭގައެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ދިރުއުޅުއްވާފައިވަނީ މުލިއާގޭގައެވެ.

އަލަށް ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒު ދިރިއުޅުއްވާނީ ކޮން ގެކޮޅެއްގައި ކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.