ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރިޔަށްގެންދާ އުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ބައިވެރިވަޑައިގަންނަވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ) ގޮވާލައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަމަށް ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިއަދު ފެށި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފެށި ސަމިޓެކެވެ.

ހާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅުގައި، ފަލަސްތީނުގެ އާންމުރައްޔިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ޢައްޒާގައި އިންސާނީ ހާލަތު ގޯސްވަމުންދާދިއުމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރައްކާތެރިކަމާއެކު ޣައްޒާއަށް ވަންނާނެކަން ކަށަވަރުކުރުމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

އަދި އިންސާނިއްޔަތާގުޅޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް މުޅި ޣައްޒާގެ ރައްޔިތުން ޝާމިލުވާހެން ކުރިޔަށްގެންދާ ހުރިހާ އުދުވާނުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން މިނިސްޓަރ ޝާހިދު އެދިވަޑައިގެންނެވިއެވެ. ފަލަސްތީނާއި، މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މަގަކީ، ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކްސްޓްރާ އޯޑިނަރީ ސަމިޓް ނިންމާލާނީ ޣައްޒާއާއި އަލްގުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިސްރާއީލުން މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގައެވެ. މި ޤަރާރަކީ އިސްރާއީލުގެ ޣައިރު ގާނޫނީ ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ އަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާއިން ބާއްވާ ސަމިޓެކެވެ.

ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާއެކެވެ. ރާއްޖެ 1976 ވަނަ އަހަރު އޯއައިސީގެ މެމްބަރު ގައުމަކަށް ވުމަށްފަހު ރާއްޖެއިން އަންނަނީ އެޖަމުއިއްޔާގެ މެންބަރު ގައުމުތަކާ ގުޅިގެން އެޖަމުއިއްޔާގައި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.