ދ. އަތޮޅު ޕޮލިހާއި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ގުޅިގެން ދ. އަތޮޅު ރަށްރަށުގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކޮށް މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުުހުން ބުނީ ކުޑަހުވަދޫ، މާއެނބޫދޫ، ހުޅުދެލި، މީދޫ އަދި ބަނޑިދޫ ސްކޫލުގެ ގްރޭޑް 6 އިން 12 އަށް ތައުލީމުހާސިލު ކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ކުދިންގެ ޒިންމާތަކާއި، ކުދިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިވުމާއި އެފަދަ މައްސަލައެއް ދިމާވުމުން އަމަލުކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ސްކޫލުތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ދަރިންތަރުބިއްޔަތު ކުރުމުގައި ސަމާލުވާންވީ ކަންތައްތަކާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިކަމަށެވެ. އަދި ކުދިންނާއި މައިންބަފައިންގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ކުޑަކުދިންގެ ޒިންމާތަކާއި ހައްގުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވަކަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މިމަހު 8 އިން 9 އަށް އެ ރަށްރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި 176 ދަރިވަރުންނާއި 265 ބެލެނިވެރިން ބައިވެރިވިއެވެ.