ޒަޔަނިސްޓް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމު ހުއްޓުވުމަށް އިއްޔެ ނިމުނު ޢަރަބި ސަމިޓުން ޚަރުދަަނާ އެއްވެސް ކަމެއް ނުނިންމުނު ކަމަށް ހަމާސް ޖަމާއަތުގެ ފަރާތުން މިސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މަމްދޫބު އޮސާމާ ހަމްދާން ވިދާޅުވެއްޖެއެވެ.

ހަމްދާން ވިދާޅުވީ ޢަރަބި ސަމިޓުގައި އިޒްރޭލުގެ ޖަރީމާތައް ހުއްޓުވުމަށް ޢަރަބި އިސްލާމީ ޤައުމުތަކުން އަޅަން ގަސްދުކޮށްފައިވާ އެއްވެސް ފިޔަވަޅެއް އިއުލާން ނުކުރެވުނު ކަމަށެވެ. "އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމަ ހުއްޓުވުމަށް އަޅަންޖެހޭ ފައިދާހުރި ފިޔަވަޅުތަކާއި އަވަސް އުސޫލުތަކެއް މިސަމިޓުން އެނގިގެނެއް ނުދިޔަ" ހަމްދާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދުކުރީ އަޅުގަނޑުމެންގެ އަރަބި އަދި މުސްލިމް އަޚުން ސިޔާސީ އަދި އިގްތިސާދީ ހުރިހާ ބާރެއް ބޭނުންކޮށްގެން، އާންމުންނާއި ކުޑަކުދިންނަށް އިޒްރޭލުން ކުރާ އަނިޔާ ވަގުތުން ހުއްޓުވުމަށް އެމެރިކާއަށް ޕްރެޝަރު ކުރާނެ ކަމަށް،" ލުބާނުގެ ބެއިރޫތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދާން ވިދާޅުވި އެވެ.

ޢަރަބި ސަމިޓުންް ކުރެވުނުހާވެސް ވަރަކީ އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ގޮވާލުމާއި އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް ބަޔާނެއް ނެރުމެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ސަހްޔޫނީ ބާރުތަކާ ދެކޮޅަށް ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނެފައި ފަލަސްތީނަށް ހަޤީޤީ މާނައިގައި މިނިވަންކަން ނުލިބެނީސް އެޖަމާއަތުން ކުރަމުން އަންނަ ޖިހާދު ހުއްޓާނުލާނެ ކަމަށެވެ.