ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމަނިކުފާނުގެ މަސްލަހަތު ހިމެނޭ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އޭޖީ ރިއްފަތު މިހެން ވިދާޅުވީ އެކްސް.ކޮމްގައި ކުރައްވާފައިވާ ޕޯސްޓަކުންނެވެ.

އެމްޑީޕީން ހުށައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ މަޖިލިހުގެ ގަވާއިދާ ހިލާފު ކަމަށް ކަނޑައަޅައި މަޖިލިހުން އެ މައްސަލަ ބޭރުކޮށްލުމުން އަނެއްކާވެސް އެ ގަރާރު އަލުން ހުށަހަޅަން އަންގާފައެވެެ. މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މައްސަލަ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި، އެ މައްސަލަ މިއަދުގެ 11:00 އަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތު އިއްޔެ ބެލެހެއްޓި ޑިމޮކްރެޓުންގެ މެންބަރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވަނީ ރޭ ވިދާޅުވެފައެވެ.

މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމައެހެންމެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށްވެސް ރިއްފަތު ވަނީ ވިދާޅުވެފައެެވެ.

މިގޮތަށް ކަންކަން ފާހަގަކުރައްވައި ރިއްފަތު ވިދާޅުވީ ދީބާޖާ ނުހިމެނޭ ކަމަށް ބުނެ ޑިމޮކްރެޓުންގެ ރިޔާސަތުން ނަޝީދުގެ މައްސަލަ އިއްޔެ ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށެވެ.

މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ ޖަލްސާތަކަކީ ނުހުއްޓި ކުރިއަށް ގެންދަން ޖެހޭ ޖަލްސާތަކެއް ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި ދުވަހު، ނަޝީދުގެ ނުފޫޒު އޮތް މެންބަރަކު ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށް އޭޖީ ވިދާޅުވިއެވެ.